ޚަބަރު

މިލާން އާއި ލާޒިއޯގެ ކުރިމަތިލުން އެއްވަރު


  • މިލާން އާއި ލާޒިއޯ ބައްދަލުކުރި މެޗު އެއްވަރުވީ 2 ލަނޑު 2 ލަނޑުން

އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ލާޒިއޯ ބައްދަލުކުރި ވާދަވެރި ކުރިމަތިލުން އެއްވަރު ވެއްޖެއެވެ.

ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު ނިމުނީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިިވަނީ މިލާން އިންނެވެ.
ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ލާޒިއޯގެއެވެ. މިގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ލާޒިއޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަޓިއޯ ކަންސެލިއޭރީއެވެ. އަދި ފުރަތަމަ ހާފު ނިމެން 6 މިނެޓަށް ވެފައިވަނިކޮށް ލާޒިއޯގެ ލީޑު ފުޅާކޮށްދިނީ ޓިޔާނީ ނޮސްލިންއެވެ. މިދެ ލަނޑާއެކު ލާޒިއޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކުރާނެކަމަށް އުންމީދުކުރެވުނެވެ.

ނަމަވެސް ދެވަނަ ހާފުގައި މިލާންގެ ކޯޗު ރުބެން އަމޮރިމް ގެނައި ތިން ބަދަލާއެކު މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައެވެ. ކްރިސްޓިއަން ޕުލިސިޗް، ޑިއޭގޯ މޮރެއިރާ އަދި ޔޫނުސް މޫސާ ދެވަނަ ހާފުގައި ކުޅެން އެރުވުމާއެކު މިލާންގެ ކުޅުން ރަނގަޅުވެ ލާޒިއޯގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އަދި މިއާއެކު ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރެއިރާވަނީ މެޗުގެ 65 ވަނަ މިނެޓުގައި މިލާންގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މޮރެއިރާއެވެ.

މިދިޔަ ހަފްތަގައި ޔުވެންޓަސް އާއި ބައްދަލުކުރި މެޗުގެ އެންމެ ފަހު ވަގުތު ޔޫވޭއިން އެއްވަރު ކުރުމުން މިލާންއަށް 2 ޕޮއިންޓް ގެއްލުނުއިރު މިމެޗުގެ ފުރަތަމަ ހާފަށްފަހު މިސީޒަންގައި ފުރަތަމަ ފަހަރަށް މިލާން ބަލިވާނެކަމަށް ހީވި ނަމަވެސް އަމޮރިމްގެ ބަދަލު ތަކާއެކު މިލާންއިން މިވަނީ ބަލިނުވެ ފަރު ޖައްސާލައިފައެވެ.

މިމެޗު އެއްވަރު ވުމުން މިލާން މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ. އަދި ލާޒިއޯ މިވަނީ 4 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ވަގުތީ ގޮތުން ތާވަލްގެ އެއްވަނަ މަގާމަށް އަރާފައެވެ. ނަމަވެސް މިހަފްތާގައި އޭއެސް ރޯމާ އާއި އިންޓަރ މިލާން ކުޅޭ މެޗުތައް ކާމިޔާބުކޮށް ތާވަލްގެ އެއްވަނަ މަގާމަށް އެރުމުގެ ފުރުސަތު އެދެޓީމަށްވެސް އެބައޮތެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަަކަށް ބަލާލާއިރު އެޓަލާންޓާއާއި ކަގްލިއާރީ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކަގްލިއާރީއެވެ. އަދި ގެނޯއާ އާއި ފްރޮސިނޯނޭ ބައްދަލުކުރި މެޗު ޖެނޯއާގެ ދަނޑުގައި ނިމުނީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.