ކުޅިވަރު

ފީފާގެ ގްރާސް ރޫޓް ކޯޗިން ކޯހެއް ރާއްޖޭގައި ފަށައިފި


ފީފާގެ ގްރާސް ރޫޓް ލެވަލްގެ ކޯޗިން ކޯހުގެ ބައިވެރިންގެ ތެރެއިން ދެވަނަ އަލީ އަޝްފާޤެއް ދަނޑަށް ނެރުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތް ކުރަންޖެހޭކަމަށް ފީފާގެ ޓެކްނިކަލް ޑައިރެކްޓަރ ވިންސެންޓް ސްބްރަމާނިއަމް ވިދާޅުވެއްޖެއެވެ. 

އެފްއޭއެމް ހައުސްގައި މިއަދުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފީފާގެ ގްރާސް ރޫޓް ލެވަލްގެ ކޯޗިން ކޯސް ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ވިންސެންޓް ސްބްރަމާނިއަމް ވިދާޅުވީ މީގެކުރިންވެސް މިފަދަ ކޯސްތަށް ރާއްޖޭގައި ބާއްވާފައިވާކަމަށާ އަދި އެކޯސްތަށް ވަރަށްކާމިޔާބުކަމަށެވެ. އަދި ރަށްރަށުން ކޯޗުން ގެނެސްގެން ތަމްރީންކުރުމަކީ ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި ޚާއްްސަކޮށް ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ދެނެގަތުމުގައި ވަރަށް ބޮޑުތަން ފަސޭހަވަގެންދާނެ ކަމަށްވެސް ވިންސެންޓް ސްބްރަމާނިއަމް ވިދާޅުވިއެވެ. އަދި މިކޯގެސަބަބުން ހަމައެކަނި އުފެދިގެންދާނީ ރަގަނޅު ކޯޗުންނާ ރަގަނޅު ކުޅުންތެރިން އެކަނި ނޫންކަމަށާއި ޤައުމުގައި ޒިންމާދާރު ފަރާތްތަކެއް އުފެދުމަކީވެސް މިކޯހުގެ އެންމެ ބޮޑު އެއްބޭނުން ކަމަށް ވިންސެންޓް ސްބްރަމާނިއަމް ވިދާޅުވިއެވެ. މިކޯސް ފައްޓަވައިދެއްކީ އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒެވެ.