ޚަބަރު

ދުނިޔޭގެ އިޤްތިޞާދު 3 އިންސައްތަ ކުރިއަރާނެ: އައިއެމްއެފް


މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ވަރުގަދަ ލޮޅުންތަކާއެކުވެސް، ދުނިޔޭގެ އިޤްތިޞާދު ކުރިން އަންދާޒާކުރި ވަރަށްވުރެ ވަރުގަދަކޮށް ހިފަހެއްޓިފައިވާ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.

އައިއެމްއެފުން ހާމަކުރި ގޮތުގައި، 2026ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން ނުވަތަ އުފެއްދުންތެރިކަން ގާތްގަނޑަކަށް 3 އިންސައްތައަށް އިތުރުވާނެ ކަމަށް އަދިވެސް ލަފާކުރެވެއެވެ.

ނަމަވެސް، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާތައް އަދިވެސް ބޮޑުކަމަށް އައިއެމްއެފުން ވަނީ އިންޒާރު ދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައިއެމްއެފްގެ ތަރުޖަމާނު ޖޫލީ ކޯޒެކް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ގޭހުގެ އަގުތައް އަދިވެސް ހުރީ އިންތިހާއަށް މަތިވެފައި ކަމަށެވެ.

އަދި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައިސްފައިވާ ނޭދެވޭ އަސަރުތައް އަދިވެސް ފިލައިގެން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ޤައުމުތަކުގެ ދަރަނި އިތުރުވަމުންދާ މައްސަލައާއި، 2022ވަނަ އަހަރު ދިމާވި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ މައްސަލައަށްފަހު، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ތިރިވަމުންދިޔަ ދިއުން މިހާރު މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޒެކް އިތުރަށް ވިދާޅުވީ، ކައިރި މުސްތަޤުބަލެއްގައި ދުނިޔޭގެ އިންފްލޭޝަން މައްޗަށް ގޮސްދާނެ ކަމަށް ލަފާކުރާ މިންވަރު މަތިވެފައިވީ ނަމަވެސް، ދުރު ރާސްތާއަށް ބަލާއިރު އިންފްލޭޝަން ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.