ޚަބަރު

ހުޅުމާލެގައި ތަރައްޤީކުރާ 700 ހައުސިންގ ޔުނިޓް މިއަހަރު ނިމޭނެ


ހުޅުމާލޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިމަޝްރޫޢޫގެ ދަށުން ފުރަތަމަ ފިޔަވަހިން ބައެއް ހިއްކާ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ ފަޅު ހިއްކުމަށް ކަނޑައެޅުނު ސަރަޙައްދުގެ މަސައްކަތްވެސް ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި ނިންމާލާފައެވެ.

ފުރަތަމަ ފިޔަވަހީގައި ހިއްކި 188 ހެކްޓަރަށްވުރެ ދެގުނަ ބޮޑުކޮށް ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 240 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރަމުންދާ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އެތައްހާސް ހައުސިންގ ޔުނިޓްތަކެއްގެ މަސައްކަތްތައް މިހާރުވެސް އެކި މަރުޙަލާތަކުގައި ކުރިއަށްއެބަދެއެވެ. ހުޅުމާލެ ތަރައްޤީ ކުރަމުންދަނީ އެކި ފަންތީގެ ހައުސިން މަޝްރޫޢުތައް ހިމެނޭގޮތަށެވެ. އެގޮތުން ސޯޝަލް ހައުސިންގ އާއި، މިޑް-ރޭންޖް އަދި ލަގްޒަލީ ހައުސިންގ ދެވަނަ ފިޔަވަހީގައި ހިމެނެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހައުސިންގ މަޝްރޫޢުތަކަށް ކަނޑައެޅި ހުރިހާ ބިންތަކެއް އެޗްޑީސީ އިން މިހާރު ވަނީ ޑިވެލޮޕަރުންނަށް ދޫކޮށްފައެވެ. މީގެތެރެއިން ދޫކުރި ގިނަ ފްލެޓްތަކުގެ މަސައްކަތްތައް ވަނީ ނިމިފައެވެ.

img:http://s4.psmnews.mv/images/660x400/14636741202673.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިން މަތިން ފެންނަ ފޮޓޯއެއް - ފައިލް ފޮޓޯ: ޕީއެސްއެމް

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ފޭސް 1 ގައި ދޫކުރި ބިންތަކުގެ ތެރެއިން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގައި ހިމެނޭ 700 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، އަމަލީ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.

މީގެ އިތުރަށްވެސް ސޯޝަލް ހައުސިންގ ޔުނިޓްގެ ތެރޭގައި ތަރައްޤީކުރާ ފަނަރަހާސް ހައުސިންގ ޔުނިޓްގެ ތެރެއިން ހަތްހާސް ހައުސިންގ ޔުނިޓްގެ މޮބިލައިޒޭޝަން މަސައްކަތް ވަނީ ފަށާފައެވެ. ސައިމަން ވިދާޅުވީ މިމަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، މެޓީރިއަލްސްތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތައް ކުރިއަށްދާކަމަށެވެ. އަދި ހަތްހާސް ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ލޯން ފައިނަލްކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށްވެސް ސައިމަން ވިދާޅުވިއެވެ. މީގެ އިތުރަށްވެސް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ވެސް ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. މި ފްލެޓްތަކުގެ މަސައްކަތްތައްވެސް އެކި މަރުޙަލާގައި ކުރިއަށްދާކަން އެޗްޑީސީ އިން ފާހަގަކުރެއެވެ.

ސައިމަން ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ހުޅުމާލެ ފުރަތަމަ ފިޔަވަހި އާއި ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމަށް އެންމެ ގިނަވެގެން ބޭނުންކުރެވޭނެ ހުރިހާ ބިމެއް ފެނިގެންދާނީ ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދަތިތަކެއް ނުވާނެގޮތަށް މަސައްކަތްތައް ރާވަމުންދާކަމަށްވެސް ސައިމަން ވިދާޅުވިއެވެ. ކުރިއަށްއޮތް ދެތިން އަހަރު ހުޅުމާލެ ތަރައްޤީކުރުމަށްޓަކައި އެއްފަހަރާ ގިނަ ކުންފުނިތަކަކާއި ހަވާލުކުރެވިގެން ކުރިއަށްދާނެކަމަށް އެޗްޑީސީން ވިދާޅުވެއެެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރަނީ އެތަނުގައި ކޮމާޝަލް އޭރިއާތަކާއި ސޯޝަލް އޭރިއާތައްވެސް ހިމެނޭގޮތަށްކަން އެޗްޑީސީން ފާހަގަކުރައްވައެވެ.