ޓުއަރިޒަމް

ސެޕްޓެމްބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެއްޖެ


ދެހާސް ފަނަރަވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތެއް އިންސައްތަ އިތުރުވެއްޖެއެވެ. 

ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެ އާއްމުކޮށްފައިވާ ހުސްވި އޮކްޓޯބަރ މަހުގެ އިޤްތިޞާދީ މުރާޖައާ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވަނީ 1،1909 (އެއްލައްކަ އެއްހާސް ނުވަސަތޭކަ ނުވަ) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، ހަތެއް އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މިއީ މިއަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު ނުވައެއް އިންސައްތައިގެ ދަށްވުމެއްކަމަށް މި ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14749646873474.jpg|ފަތުރުވެރިއެއް އެއަރޕޯޓުގައި - ފޮޓޯ: ހަފީޒާ/ޕީއެސްއެމް

ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ، ޔޫރަޕް، އަދި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ. މި ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް މާކެޓް، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށަށްގޮސްފައެވެ.

ސެޕްޓެމްބަރުމަހު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ދުވަހުގެ މުއްދަތު އުޅެނީ ފަހެއް ޕޮއިންޓް ތިނެއްގައެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފަވާ ރޭގެ އަދަދު ދޭއް އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕެންސީ ރޭޓް ވަނީ ފަސްދޮޅަސް ހަތަރު އިންސައްތައަށް މައްޗަށްގޮސްފައެވެ.

ކުރިއަށްއޮތީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަން ކަމަށްވުމުން ޖެނުއަރީމަހުގެ ނިއަލަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވާނޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ޔޫރަޕްގެ ބޮޑެތި ބައެއް އެއަރލައިންތަކުން ރާއްޖެއަށް ޗާޓަރ ދަތުރުތައް ބާއްވަމުން އަންނައިރު، މިފަހަރުވެސް ބައެއް އެއަރލައިންތަކުން ޗާޓަރ ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބައެއް އެއަރލައިންތަކުން، ފިނިމޫސުމާއި ދިމާކޮށް ބޮޑެތި ބޯޓްތަކަށް އަޕްގްރޭޑް ކުރަމުންދާކަމަށް އެމްއޭސީއެލްއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.