ޚަބަރު

މާއެނބޫދޫ ކައުންސިލުގެ އައު ޢިމާރާތް ހުޅުވަނީ


ދ. މާއެނބޫދޫ ގައި މިހާރު އިމާރާތްކުރަމުންދާ އެ ރަށު ކައުންސިލްގެ އައު ޢިމާރާތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މުޅިން އަލަށް ޢިމާރާތްކުރެއްވި މި ޢިމާރާތުގައި މިހާރު ކުރިއަށްދަނީ، ފިނިޝިންގެ މަސައްކަތެވެ. ގާތްގަނޑަކަށް ދުއިސައްތަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން އިމާރާތްކުރައްވާ މިޢިމާރާތް ފަރުމާކުރައްވާފައިވަނީ، ޒަމާނީ ވަސީލަތްތަކާއެކު، ކޮންފަރެންސް ހޯލެއްވެސް ހިމެނޭ ގޮތަށެވެ. 

މާއެނބޫދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޢާޒް އާދަމް ވިދާޅުވީ އައު އިމާރާތް ހުޅުވުމުން ކައުންސިލް ބައްދަލުވުންތައް ބޭއްވުމަށާއި ރަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.  

މާއެނބޫދޫގެ ކައުންސިލް އިދާރާވަނީ މިއަހަރު އޯގަސްޓްމަހު ދިމާވި އަލިފާނުގެ ހާދިސާއެއްގައި އަނދާ ހުލިވެފައެވެ. އެ ހާދިސާއަށް ފަހު ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ކުރަމުން އަންނަނީ އެރަށުގައި ބިދޭސީ ޓީޗަރުން ބޭތިއްބުމަށް ރައްޔިތުން ހަދާފައިވާ އިމާރާތުގެ ބައެއްގައެވެ. 

މާއެނބޫދޫއަކީ، ގާތްގަނޑަކަށް އެއްހާސް މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.