ޚަބަރު

ބަދަލުތަކާއިއެކު މާދަމާ ދިވެހި ލީގު ފަށަނީ


  • ލީގު ފަށާ މެޗުގައި ކުޅޭނީ މާޒިޔާއާއި އޮޑި ސްޕޯޓްސް ކުލަބު

  • ލީގުގައި މިފަހަރު 10 ޓީމު ވާދަކުރާނެ

ދިވެހި ފުޓުބޯޅަ ކުރިއަރުވައި، އަތޮޅު ތެރެއަށް ވެސް ފުޓުބޯޅައިގެ ކަންކަމުގައި ފުރުސަތު ދިނުމަށް އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ފަށާ ފުރަތަމަ ދިވެހި ޕްރިމިއަރ ލީގު މާދަމާ ފަށާނެއެވެ.

ފާއިތުވީ ސީޒަނުގެ ދިވެހި ލީގުގައި ވާދަކުރީ ޖުމްލަ އަށް ޓީމެވެ. އެއީ މާލެއަށް ނިސްބަތްވާ އަށް ކުލަބެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދިވެހި ފުޓުބޯޅަ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ އަހަރުން ފެށިގެން، އަތޮޅު ތެރޭގެ ޓީމުތަކަށް ވެސް ދިވެހި މައި ލީގުގައި ވާދަކުރުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހުޅުވާލާފައެވެ.

ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ނުވަތަ ރީޖަންއަކަށް ބަހާލައިގެން، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސް، ފާއިތުވީ ސީޒަނުގައި އެފްއޭއެމުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

އެޓޯލް ޗެމްޕިއަންޝިޕުގައި ނަތީޖާ ނެރޭ ޓީމުތަކަށް ޒޯން ބުރެއް ބާއްވައި، އެއަށްފަހު ރީޖަނަލް ކޮލިފިކޭޝަންކުޅެ، އޭގެއިން ޓީމުތަކަށް މާލޭގައި ބާއްވާ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު މިހާރު އޮވެއެވެ. އަދި ލީގު ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެން، ދިވެހި ލީގަށް ކޮލިފައި ވެވޭއިރު، އަތޮޅު ތެރެއިން ޖުމްލަ ދެ ޓީމެއް މި ސީޒަނުގެ ދިވެހި ލީގުގައި ވާދަކުރާނެއެވެ.

މިފަހަރުގެ ލީގުގައި، ކުރިއާ ޚިލާފަށް އިތުރު ދެ ޓީމާއެކު ޖުމްލަ 10 ޓީމު ވާދަކުރާއިރު އެޓީމުތަކުގެ ތެރޭގައި، ފާއިތުވީ ސީޒަނުގެ ލީގުގައި ވެސް ކުޅުނު އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ރަނަރަޕް އޮޑި ސްޕޯޓްސް ކުލަބު، ތިންވަނަ ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޓީސީ ސްޕޯޓްސް ކުލަބު، ކްލަބް އީގަލްސް ހިމެނެއެވެ.

ލީގުގައި އަލަށް ވާދަކުރާނީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ދިވެހި ލީގުގެ ކޮލިފައިންގައި ވާދަކޮށް ކާމިޔާބީ ހޯދި ބިސް ބުރު ސްޕޯޓްސް ކުލަބާއި، އުތުރުގެ ޗެމްޕިއަން ދިއްދޫގެ އިތުރުން ދެކުނުގެ ޗެމްޕިއަން ގައްދޫއެވެ.

މިފަހަރުގެ ސީޒަނުގެ ދިވެހި ލީގުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކަށް ވާނީ، މުޅިން އަލަށް ދިވެހި ލީގުގެ މެޗެއް، ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި، އަތޮޅު ތެރޭގައި ކުޅުމެވެ. އެ ތާރީޚީ މެޗު ކުޅޭނީ މި މަހުގެ 11ވަނަ ދުވަހުގެ ހަވީރު، ގދ. ގައްދޫގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ގައްދޫ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

އޭގެކުރިން، ލީގު ފަށާ މެޗުގައި 10ވަނަ ދުވަހުގެރޭ މާޒިޔާއާއި އޮޑި ބައްދަލުރާނެއެވެ.