ޓުއަރިޒަމް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 7 އިންސައްތަ އިތުރު


2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 7 އިންސައްތަ އިތުރުވެއްޖެއެވެ. ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެ އާއްމުކޮށްފައިވާ ހުސްވި އޮކްޓޯބަރ މަހުގެ އިޤްތިޞާދީ މުރާޖައާ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް ވަނީ 1،1909 (އެއްލައްކަ އެއްހާސް ނުވަސަތޭކަ ނުވަ) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، 7 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މިއީ މި އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު 9 އިންސައްތައިގެ ދަށްވުމެއް ކަމަށް މި ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވަނީ، ޔޫރަޕް، އަދި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވުމުންނެވެ. މި ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު އެއް މާކެޓް، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ ދަށަށް ގޮސްފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި ދުވަހުގެ މުއްދަތު އުޅެނީ 5.3 ގައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފަވާ ރޭގެ އަދަދު 2 އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕެންސީ ރޭޓް ވަނީ 64 އިންސައްތައަށް މައްޗަށް ގޮސްފައެވެ.

ކުރިއަށްއޮތީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހައި ސީޒަން ކަމަށްވުމުން ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވާނޭ ކަމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ޔޫރަޕްގެ ބޮޑެތި ބައެއް އެއަރލައިންތަކުން ރާއްޖެއަށް ޗާޓަރ ދަތުރުތައް ބާއްވަމުން އަންނައިރު، މިފަހަރުވެސް ބައެއް އެއަރލައިންތަކުން ޗާޓަރ ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މީގެ އިތުރުން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބައެއް އެއަރލައިންތަކުން، ފިނިމޫސުމާއި ދިމާކޮށް ބޮޑެތި ބޯޓްތަކަށް އަޕްގްރޭޑް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.