ޚަބަރު

ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތަރައްޤީއާ އެއްވަރުގެ ތަރައްޤީއެއް!


ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ތަރައްޤީއާއި އެއްވަރުގެ ތަރައްޤީ ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ގެނެސްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެންނެވި ތަރައްޤީއަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތެރޭގައި މި ދާއިރާއިން ރައްޤީކުރެވިފައިވާ މިންވަރާ ގާތަށް ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ 3 އަހަރު އެކަނިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ޢުމްރާނީ ތަރައްޤީ ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައި، ބަނދަރު ހެދުމާއި، މަގުހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރަށް ބަލާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަތޮޅުތެރެއަށް ނާންނަ ވަރުގެ ތަރައްޤީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ޤައުމެއް ހަޤީގީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ، އިޤްތިސާދީ މިނިވަންކަން އެޤައުމަކަށް ލިބިގެންކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކުރެއްވި އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ޢިޤްތިސާދު ނަގާ ކޮޅަށްޖެހުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ޤައުމުގައި އޮތް އިޤްތިސާދީ ދަތިތައް ފިލުވާލެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި، އެންމެހާ ރައްޔިތުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.