ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތީ ވަރަށް ޙައްސާސީ އަދި ޤައުމުގެ ކަންކަން ބޮއްސުންލާފައިވާ ދަނޑިވަޅެއްގައިކަމަށާއި، އެކަންކަން ޙައްލުކުރައްވާ ރާއްޖޭގެ އިސްތިޤްލާލް ދެމެހެއްޓެވުމަށް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވާ ފެލިދެ އަތޮޅު ފުލިދޫގައި ހުންނަ އަތޮޅު މަދަރުސާގައި ބޭއްވެވި ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތްއިރު ޤައުމުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. އަދި މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖޭގައި ހިންގި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމުގައި އިސްދައުރެއް އަދާކުރި ޢަބްދުﷲ ލުޠުފީ ފިލާފައިވާ ދަނޑިވަޅެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ލުޠުފީ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް މިހާރު ނެރެފައިވާކަމަށާއި، އޭނާގެ ޕާސްޕޯޓް ވެސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ، އޭނާ އަލުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ޢިއްޒަތާއި ޝަރަފަށްޓަކައި މިސަރުކާރުން ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރަށް އޮތްކަންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14781629053307.jpg|ނަސްރުގެ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ހޯމް މިނިސްޓްރީ
ރާާއްޖެއާ ތޮޅެން ބޭރުގެ ޤައުމުތަކުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވާ މީހުންގެ އެހީތެރިކަމާ އެކުކަން ފާހަގަކުރައްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ، ވެރިކަން ހޯދުމުގެ ބޭނުމުގައި ހިންގާފައިވާ އަމަލެއް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވެން އެބައޮތްކަމަށެވެ.
ޤައުމާ އިސްތިޤްލާލް ދެމެހެއްޓުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ ވަނީ، ހަޤީޤީ މާނައިގައި ކުރިމަގުގެ ޖީލުތަކަށް ޤައުމު އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި ޒިންމާދާރު ރައްޔިތުން ބިނާކުރުމަށާއި، އަމާން ވެއްޓަކަށް ޤައުމު މިހާރު މިސްރާބު ޖަހާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް ދެއްކެވި ވާހަކައިގައި، ޤައުމަށް ދިމާވާ ކޮންމެ ޢުދުވާނީ ހަމަލާއަކުން ދިވެހިންނަށް ނަޞްރު ލިބިފައިވަނީ، ދީނީ ވަޙުދަތާއި އީމާންތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14781629510141.jpg|ނަސްރުގެ ދުވަހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ހޯމް މިނިސްޓްރީ
އަދި އެފަދަ ކޮންމެ ކަމެއްގައިވެސް ދިވެހިން ހިފި ހަތިޔާރަކީ ދީނާއި އަޤީދާކަމަށް މެމްބަރު ވިދާޅުވިއެވެ. ރާއްޖެއަށް ނާމާންކަން ދިމާވާ ކޮންމެ ފަހަރަކު މިކަމުގެ ހަނދާން އާވާ ކަމަށާއި، ޤައުމު އަމާންކަމާއެކު ދެމިއޮތުމަށް ރައްޔިތުން ތެދުވުމަށްވެސް މެމްބަރު ގޮވާލެއްވިއެވެ. އަބަދުވެސް ސިޔާސީ ހަސަދަވެރިން ތިބޭނެކަމަށް ވިދާޅުވެ އޭނާ ވަނީ ނޮވެމްބަރު 3 ގެ ހަނދާންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ 1988 ގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާތައް ދައްކުވާދޭ ފޮޓޯ މައުރަޒެއްވެސް ފުލިދޫގައި ވަނީ މިއަދު ވަނީ ހުޅުވާފައެވެ. ފޮޓޯ މައުރަޒު ހުޅުއްވާދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.