ތަރައްްޤީ

ޒުވާނުންގެ ދުވަހުގެ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިޔަށްގެންދަވާ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސް.އެމް ހަމަޖައްސަވައިފިއެވެ. 

މިކަން އިޢްލާން ކުރެއްވުމަށް މިއަދު ބޭއްވި ޙަފްލާގައި ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އިރުތިޝާމް އާދަމް ވިދާޅުވީ، ޢަމާޒަކީ، ޒުވާނުންގެ ދުވަހުގެ ޙަރަކާތައް ރައްޔިތުންނާއި އެންމެ ގާތުން ގެނެސްދިނުންކަމަށެވެ. 

"މި ސޮއިކުރެވުނީ ޔޫތު މިނިސްޓްރީގެ ފަރާތުން ،ޒުވާނުންގެ ދުވަހުގެ ހުރިހައި ޙަފްލާތަކާއި،ޒުވާނުންގެ ދުވަހުގެ ޖަލްސާއާއި،އަދި ޒުވާނުންގެ ދުވަހައި ގުޅުވައިގެން އަތޮޅުތެރޭގައި ބާއްވާ ފެސްޓިވަލްތަކުގެ މައްލޫމާތު ޢާއްމު ރައްޔިތުންނާއި ޕީ.އެސް.އެމް މެދުވެރިކޮށް ޙިއްސާ ކުރުމަށް.މިފުރުޞަތުގައި ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާއި،ރައީސް ޔާމީންގެ ކުޅިވަރާއި ޒުވާނުންގެ އެޖެންޑާ ކުރިއެރުވުމަށްޓަކައި ޕީ.އެސް.އެމް އިން ދެއްވާ އެއްބާރުލުން ފާހަގަކޮށް،ޕީ.އެސް.އެމް.ގެ މެނޭޖިންގް ޑިރެކަޓަރއަށާއި ޗެއަރމަންއަށް ޝުކުރު ދަންނަވަން." މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ. 

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕީ.އެސް.އެމް ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ ޙަރަކާތްތައް ޢާއްމުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމްގެ ޤާބިލިއްޔަތު ހުރި މިންވަރަކުން މަސައްކަތް ކުރައްވާނޭކަމަށެވެ. އަދި ޔޫތު މިނިސްޓްރީން އެދިވަޑައިގެންނެވުމާއެކު މިޙަރަކާތްތަކުގެ، ލައިވް ސިގްނަލް އެހެން ޓީވީ ޗެނެލް ތަކާއި ހިއްސާކުރައްވާނޭކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. 

" ޒުވާނުންގެ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތެރޭގައި ހިންގާ އެންމެހާ ޙަރަކާތްތައް، އަޅުގަނޑުމެންގެ ވަޞީލަތް ތަންދިން މިންވަރަކުން ޓީވީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭނަން. އަދި ޒުވާނުންގެ ޖަލްސާ ބޭއްވުމަށް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދޭނަން. މިނިސްޓްރީން އެދިވަޑައިގަންނަވާ ،ޖަލްސާ ހިގަނމުންދާއިރު،ރާއްޖޭގެ ހުރިހައި މީޑިއާ ތަކަށް ޕީ.އެސް.އެމްގެ ލައިވް ސިގްނަލް ދޫކުރުމަށް. މިއެއްބެސްވުމުގެ ދަށުން ޖަލްސާއާއި މިކަމާއި ގުޅިގެން ހިންގާ ޙަރަކާތްތަކުގެ ސިގްނަލް ހިލޭ ފޯރުކޮށްދޭނަން." ޚަލީލް ވިދާޅުވިއެވެ. 

މި އެއްބަސްވުމުގެދަށުން، ޒުވާނުންގެ އެވޯޑް ޖަލްސާ ޕީ.އެސް.އެމްގެ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ ޗެނެލް ތަކުން ލައިވްކޮށް ގެނެސްދީ، އަދި މީގެ ކަވަރޭޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ދުވަހާއި ގުޅިގެން ހިންގޭ ޙަރަކާތްތައް ޕްރޮމޯޓްކޮށް، އެޙަރަކާތްތަކުގެ ޚަބަރުތަކާއި މައްލޫމާތު ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.