ޚަބަރު

ޔަހޫދީ ޖަލުތަކުގައި ބަންދުކޮށްފައިވާ އަންހެނުންގެ ޙާލަތު ގޯހުން ގޯހަށް!


ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަންހެން ގައިދީންގެ ޞިއްޙީ ޙާލަތު އިންތިހާއަށް ދަށަށް ގޮސް، އެ މީހުންނަށް ކުރިމަތިކުރަމުންދާ އަނިޔާތައް އިތުރުވެފައިވާ ކަމަށް ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެފެއާޒުން ހާމަކޮށްފިއެވެ.

ފަލަސްޠީނުގެ ގައިދީންގެ ކަންކަމާ ބެހޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، ޔަހޫދީ ސިފައިން ހިންގާ ރޭޑުތަކާއި، ބަލައިފާސްކުރުންތަކުގެ އިތުރުން އަދަބުދިނުމުގެ ގޮތުން ހިންގާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ބަންދުގައި ތިބި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ އަންހެން ގައިދީންގެ ޞިއްޙީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޯސްފައެވެ. އަންހެން ގައިދީންގެ ބަޔާންތަކާ ޙަވާލާދީ އެ ކޮމިޝަނުން ބުނީ، ޖަލުތަކާއި ތަޙުޤީޤު މަރުކަޒުތައް ތޮއްޖެހިފައިވުމާއި، އަސާސީ ޚިދުމަތްތަކުން މަޙްރޫމްކުރުމާއި، ފެންވަރު ދަށް ކާނާ ދިނުމުގެ އިތުރުން އެކަށީގެންވާ ބޭސްފަރުވާ ނުދިނުމުގެ ސަބަބުން ގައިދީންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ޞިއްޙީ ޙާލަތު ދަށަށް ގޮސްފައިވާ މީހުންގެ ތެރޭގައި ހުޅަނގު އައްސޭރީގެ ތުލްކަރަމްއަށް ނިސްބަތްވާ، ނާރުގެ މައްސަލަތަކާއި ކަރުތެރެއާއި ބުރަކަށީގެ ތަދު ތަޙައްމަލު ކުރަމުންދާ ޢަބީރު ޢޫދާ ހިމެނެއެވެ. ހައްޔަރުކުރުމުގެ ކުރިން އޭނާ އޮޕަރޭޝަނެއް ކޮށްފައިވާ އިތުރު ފަރުވާ ބޭނުންވި ނަމަވެސް، ޖަލުގެ އިދާރާއިން ފޯރުކޮށްދެނީ މައިބަދައިގެ މައްސަލަތަކަށް ބޭނުންކުރާ އެންމެ ބޭހެކެވެ. މީގެ އިތުރުން، އޮގަސްޓު 17 އަދި 18 ވަނަ ދުވަހު ދާމޫން ޖަލުގައި އަންހެން ގައިދީން ތިބި ގޮޅިތަކަށް ޔަހޫދީ ސިފައިން ވަދެގަނެ، އެ މީހުން ބޭރަށް ނެރެ، ބުރުގާއާއި އަމިއްލަ މުދާތައް އަތުލާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، ޖެނީންއަށް ނިސްބަތްވާ އަންހެނަކަށް ރަޙިމުގެ ބައްޔަކަށް ފަރުވާ ބޭނުންވެފައިވާއިރު، މީގެ ކުރިން ޔަހޫދީންގެ ޖަލުގައި 9 އަހަރު ހޭދަކުރުމަށްފަހު، މި އަހަރުގެ މެއި މަހު އަލުން ހައްޔަރުކުރި ފަހުން އޭނާގެ މައްޗަށް ވަނީ އިދާރީ ބަންދުގެ 5 އަމުރެއް ނެރެފައެވެ. އަދި އަލް-ޚަލީލުގެ އަސް-ސަމޫޢަށް ނިސްބަތްވާ، ނަދީން އަލް-ދަޣާމީން ހަމުގެ ނުރައްކާތެރި ބައްޔަކާއި އެލާޖީއަކަށް ފަރުވާ ހޯދަމުންދާއިރު، ބައިތު އުންމަރުގެ ޝަހުދު ޢަދީއަށް ވަނީ "ސްކޭބީސް" ޖެހިފައެވެ.

މީގެ އިތުރުން، އޮގަސްޓު 19 ގައި ޔަހޫދީ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތާމާރު ބެން-ގްވީރު ދާމޫން ޖަލަށް ޒިޔާރަތްކޮށް، ފަލަސްޠީނުގެ ގައިދީންނަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޮގަސްޓު 18 ގައި ހައްޔަރުކުރި ޢުމުރުން 54 އަހަރުގެ ފަލަސްޠީނުގެ އަންހެން ޑޮކްޓަރެއްގެ ޞިއްޙީ ޙާލަތާމެދުވެސް ކޮމިޝަނުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާޓް އެޓޭކެއްގެ ޢަލާމާތްތަކާ ގުޅިގެން އޭނާ ވަނީ ހިތުގެ ކެތީޓަރައިޒޭޝަން ހަދާފައިވެއެވެ. އަދި އޭނާއަކީ ލޭގައި ހަކުރު ދަށްވުމާއި، ލޭގެ ޕްރެޝަރު ހަމަނުޖެހުމާއި، ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ބޯއެނބުރުން ތަޙައްމަލު ކުރަމުންދާ ބޭފުޅެކެވެ. "ރަޝިއަން ކޮމްޕައުންޑް" ތަޙުޤީޤު މަރުކަޒުގައި ޤާނޫނީ ވަކީލަކު އޭނާއާ ބައްދަލުކުރުމުން ވިދާޅުވީ، ކާނާއާއި އަންނައުނު މަދުވުމުގެ އިތުރުން، ތަކުރާރުކޮށް ހަށިގަނޑު ފާސްކުރުމާއި، ގޯނާކުރުމާއި ނަފްސާނީ ގޮތުން ތުރާ ކުރުމުގެ ޢަމަލުތައް ޔަހޫދީން ހިންގަމުންދާ ކަމަށެވެ. އަދި އަންހެން ގައިދީން ގޯތިތެރެއަށް ނެރެ، އެއްވެސް ޙަރަކާތެއް ނުކުރެވޭނެހެން ކަނެއްގައި ބައިތިއްބާ ކަމަށްވެސް އޭނާ ކިޔައިދެއްވިއެވެ.

ކޮމިޝަނުން ހާމަކުރި ގޮތުގައި، އޭނާ ބަންދުކޮށްފައިވާ ލާއިންސާނީ ހާލަތުގެ ސަބަބުން އޭނާގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. ހިސާބުތަކަށް ބަލާއިރު، ޔަހޫދީންގެ ޖަލުތަކާއި ހައްޔަރު މަރުކަޒުތަކުގައި ފަލަސްޠީނުގެ 92 އަންހެނުން މިވަގުތުވެސް ބަންދުގައި އެބަތިއްބެވެ. އަދި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ ޖުމްލަ 9,400 އަށްވުރެ ގިނަ މީހުން ޤައިދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 350 އަށްވުރެ ގިނަ ކުޑަކުދިންނާއި، އެއްވެސް ޝަރީޢަތަކާ ނުލައި އިދާރީ ބަންދުގައި ތިބި 3,244 މީހުންނާއި، ޔަހޫދީން "ޣައިރުޤާނޫނީ ހަނގުރާމަވެރިން" ގެ ގޮތުގައި ސިފަކޮއްފައިވާ 1,320 މީހުން ހިމެނެއެވެ.