ޚަބަރު

އަލްކަރާޒް އާއި ސަބަލެންކާ ދެވަނަ ބުރަށް


  • އަލްކަރާޒް ތިން ސެޓުން މެޗު ކާމިޔާބު ކުރިއިރު ސަބަލެންކާ މެޗު ކާމިޔާބު ކުރީ ދެ ސެޓުން

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ދެވަނަ ބުރުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ދެވަަނަ ބުރުން ސްޕެއިންގެ އަލްކަރާޒް ޖާގަހޯދީ ފުރަތަމަ ބުރުގައި ރަޝިއާގެ ރޯމަން ސަފިއުލިން އާއި ބައްދަލުކުރި މެޗު ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. 7 ފަހަރަށް ގްރޭން ސްލޭމް ކާމިޔާބު ކޮށްފައިވާ އަލްކަރާޒް އަރތަރ އޭޝް ސްޓޭޑިއަމަށް މީގެ އެއް އަހަރު ކުރިން ކާމިޔާބު ކުރި ތަށި ދިފާއު ކުރުމުގެ މަސައްކަތަށް ނިކުމެފައިމިވަނީ އަނިޔާގެ ސަބަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ.

މިމެޗުގައި އަލްކަރާޒްގެ ފަރާތުންވަނީ ބެލުންތެރިން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ދައްކުވައިދީފައެވެ. މިމެޗުގެ ތިން ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ މިކަހަލަ މުބާރާތްތަކުގައި ކުޅިބެލުންތެރިންގެ ކުރިމަތީގައި ނުކުޅެ ގިނަ ދުވަހު ހުންނަން ޖެހުމުގެ ހިތްދަތިކަން މިދިޔަ ހަތަރު މަހެއްހާ ދުވަހު އޭނާއަށް އިހްސާސް ކުރެވުން ކަމަށާއި އެހެން ކަމުން އަލުން އެބުރި އައިސް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

މިމެޗުން މޮޅުވި ނަމަވެސް އަލްކަރާޒްގެ ފަރާތުން އަނިޔާގެ ކުރިން ފެންނަ އޭނާގެ އެންމެ މޮޅު ކުޅުން އަދި ނުފެންނަކަމަށް އޭނާ އެއްބަސްވެއެވެ. އަދި ހާއްސަކޮށް ބައެއް ކަންކަން ރަނގަޅު ކުރަން ޖެހޭކަންވެސް އަލްކަރާޒް ފާހަގަކުރިއެވެ. އަދި މިމެޗަށް ނިކުންއިރު މެޗު ފަސް ސެޓަށް ގޮސްފިނަމަ އޭނާއަށް އެހާގިނައިރު ކުޅެވިދާނެތޯ ސުވާލު އުފެދުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިމެޗުގައި އަލްކަރާޒްގެ ފަރާތުން މެޗު ފިޓްނަސްގެ މާބޮޑު އަސަރެއް ފެނިގެނެއް ނުދިޔައެވެ. މިކާމިޔާބީ އާއެކު ދެވަނަ ބުރުގައި އަލްކަރާޒް ވާދަކުރާނީ ޕޯޗުގަލްގެ ހެއިމޭ ފާރިއާއާއެވެ. އަދި މިފަހަރުގެ މުބާރާތުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނަރ ނުކުޅޭތީވެ އަލްކަރާޒްއަށް ފައިނަލަށް ދިއުމުގެ މަގުވަނީ ވަރަށް ބޮޑު ތަނުން ފަސޭހަ ވެފައެވެ. އެއީ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އޮތީ ޑްރޯގެ އަނެއް ފަޅީގައިކަމުން އެދެކުޅުންތެރިން އެންމެ އަވަހަށްވެސް ވާދަކުރަން ޖެހޭނީ ފައިނަލަށް ދަތުރު ކޮށްފިނަމައެވެ. އަދި ނޯވަކް ޖޯކޮވިޗް އާއި އަރތަރ ފިލްސް ފުރަތަމަ ބުރުން ބަލިވެފައިވުމުގެ ސަބަބުން އަލްކަރާޒް ހިމެނޭ ފަޅީގައި ގަދަ 10 އަކަށް ނިސްބަތްވާ އޮތީ އެމެރިކާގެ ބެން ޝިލްޓަން އެކަންޏެވެ. އަދި އޭނާ އާއި އެންމެ އަވަހަށް ވާދަކުރަން ޖެހޭނީ ކުއާޓަރ ފައިނަލްގައެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓަށް ބަލާލާއިރު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫއެސް އޯޕަންގެ ތަށި ދިފާއު ކުރުމަށް މިމުބާރާތުގައި މަސައްކަތްކުރާ އެއްވަނައަށް ސީޑު ކުރެވިފައިޥާ ބެލަރޫސްގެ އަރީނާ ސަބަލެންކާވެސްވަނީ ދެވަނަ ބުރުން ޖާގަހޯދައިފައެވެ. މިމުބާރާތުގެ ދެވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ކޮލޮމްބިއާގެ ކަމީލާ އޮސޯރިއޯ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ.

މިސީޒަނަކީ މިހާތަނަށް ސަބަލެންކާއަށް މާކާމިޔާބު ސީޒަނެއް ނޫނެވެ. މިގޮތުން މިސީޒަންގައި މިހާތަނަށް އޭނާއަށް ގްރޭން ސްލޭމް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތުގައި ޔޫއެސް މުބާރާތުގެ ތަށި ދިފާއު ނުކުރެވިއްޖެނަމަ މިސީޒަން ވެގެންދާނީ 2022 ވަނަ އަހަރަށް ފަހު އޭނާ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ނުކުރެވި ސީޒަން ނިންމާލާ ފުރަތަމަ ފަހަރަށެވެ. ހަމަ އެއާއެކު މިމުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ ދުނިޔޭގެ ރޭންކިންގގެ އެއްވަނަ ގެއްލުމުގެ ބިރުވެސް ސަބަލެންކާއަށް މިފަހަރު އެބައޮތެވެ.

މިއަހަރުގެ އެޕްރީލް މަހު މައާމީ އޯޕަންގެ ތަށި އުފުލާލުމާއެކު އޭނާ 3000 ޕޮއިންޓްގެ ލީޑެއް ދުނިޔޭގެ ރޭންކިންގގައި ނެގި ނަމަވެސް އޭގެފަހުން އޭނާއަށް ކުރިމަތިވަމުންދިޔަ ނާކާމިޔާބީ ތަކުގެ ސަބަބުން މިހާރު އޭނާ އާއި ދެވަނަައިގާ އުޅޭ އެލޭނާ ރީބަކިނާ އާއި ދެމެދު އުޅެނީ 434 ޕޮއިންޓްގެ ފަރަގެވެ. އެހެން ކަމުން މިމުބާރާތް ކާމިޔާބު ނުކުރެވިއްޖެ ނަމަ އޭނާއަށް އެއްވަނަ މަގާމް ގެއްލިގެން ދާނެއެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކޮށްގެން ރީބަކީނާގެ އިތުރުން ޖެސިކާ ޕެގޫލާ އަދި ކޯކޯ ގައުފްއަށްވެސް ދުނިޔޭގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިމުބާރާތް ސަބަލެންކާ ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ޔޫއެސް އޯޕަންގެ ތަށި ޖެހިޖެހިގެން ތިން ސީޒަންގައި އޯޕަން އެރާގައި ކާމިޔާބު ކުރާ ތިންވަނަ ކުޅުންތެރިޔާ އަަށެވެ. މީގެކުރިން މިތަށި ތިން ފަހަރު ޖެހިޖެހިގެން ކާމިޔާބު ކޮށްފައިވަނީ ސެރީނާ ވިލިއަމްސް އާއި ކްރިސް އެވަރޓްއެވެ.