ޓުއަރިޒަމް

12 ރަށަކާއި 2 ފަޅެއް ތަރައްޤީކުރުމަށް ހުޅުވާލައިފި


ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން 12 ރަށަކާއި ދެ ފަޅު ތަރައްޤީކުރުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.

ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި ފުލުހުންގެ ބޭނުންތަކަށް ދޫކޮށްފައިވާ ފޭދޫ ފިނޮޅާއި އެކު އިތުރު ދިހަ ރަށެއް ހިމެނެއެވެ. މީގެ ތެރޭގައި އައްޑު އަތޮޅާއި، ހއ، ހދ، މިއިން ކޮންމެ އަތޮޅަކުން ދެރަށާއި، ބ އަތޮޅުން ތިން ރަށް ހިމެނެއެވެ. އަދި ނ އަތޮޅުގެ ރަށެއްވެސް ހިމެނެއެވެ.

ފޭދޫ ފިނޮޅު ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ، ތިން މިލިއަން ޑޮލަރަށެވެ. އައްޑު އަތޮޅު އިސްމެހެލާހެރަ އެއް މިލިއަން ޑޮލަރަށް ދިނުމަށް ކަނޑައަޅާފައިވާއިރު، އެއަތޮޅު ސަވާހެލި ތަރައްޤީކުރުމަށް ކުއްޔަށްދިނުމަށް ކަނޑައަޅާފައިވަނީ އެކެއް ޕޮއިންޓް ތިނެއް މިލިއަން ޑޮލަރަށެވެ.

ހއ ވަނގާރުގެ އަގަކަށް ދޭއް ޕޮއިންޓް އަށެއް މިލިއަން ޑޮލަރު ކަނޑައެޅިފަވާއިރު، އެއަތޮޅު ގާމަތިކުޅުދޫގެ އަގަކީ އެކެއް ޕޮއިންޓް ހައެއް މިލިއަން ޑޮލަރެވެ. ޓޫރިޒަމް މިނިސްޓްރީން މިފަހަރު ރިސޯޓް ހެދުމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެބޮޑު ކުއްޔެއް ކަނޑައަޅާފައިވަނީ ހދ މުއިރީއަށާއި، ބ އަތޮޅު ފަރެސްއަށެވެ. މި ދެރަށަށް ކަނޑައަޅާފައިވަނީ ހައެއް ޕޮއިންޓް ހަތެއް މިލިއަން ޑޮލަރެވެ.   މާލެ އަތޮޅުން ދެ ފަޅެއްވެސް ކުއްޔަށް ދިނުމަށްވެސް ނިންމަވާފައިވެއެވެ. މިގޮތުން ފުށިދިއްގަރު ފަޅު ކުއްޔަށްދޫކުރުމަށް ކަނޑައަޅާފައިވާ އަގަކީ ހަތްދިހަ ދޭއް ޕޮއިންޓް ހައެއް މިލިއަން ޑޮލަރަށެވެ. އަދި މަނިޔަފުށީ ކައިރީގައި އޮންނަ ފަޅު ކުއްޔަށްދޫކުރުމަށް ކަނޑައަޅާފައިވާ އަގަކީ ފަންސާސް ދެ މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަހަރު ކުއްޔައް ދޫކުރަން ނިންމަވާފައިވާ ރަށްތަކާއި ފަޅުތައް ދޫކުރެއްވުމަށް ނިންމަވާފައިވަނީ ދާދީ ފަހުން ޓޫރިޒަމް ޤާނުނަށް ގެނައި އިސްލާހުގެ ދަށުން ބިޑްކުރުމެއްނެތިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ ދެހާސް އަށާރަވަނަ އަހަރު އައުމުގެކުރިން ރިސޯޓް ތަރައްޤީކުރުމަށް، މާކެޓަށް ފަންސާސް ރަށް ދޫކުރުންކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.