ޚަބަރު

ކުށްކުރާ ކުޑަކުދިން އިސްލާޙްކުރުމުގެ ޕްރޮގްރާމްގެ ކާމިޔާބުކަން


ހޯމް މިނިސްޓްރީގެ ޖުވަނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށްގެންދަވާ ކުށްކުރާ ކުޑަކުދިން އިސްލާޙް ކުރުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ތާރީޚްގައިވެސް މިހާތަަނަށް ކުރިއަށްގެންދަވާ އެންމެ ކާމިޔާބު އިިސްލާޙީ ޕްރޮގްރާމު ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، އެ ޕްރޮގްރާމްގައި ތެރެއިން ބެލެނިވެރިންނަށް އަމާޒު ކުރައްވައިގެން ކުރިއަށްގެންދެވި ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުންމީދު – ފަހި މާދަމާގެ ނަމުގައި ކުށްކުރާ ކުޑަކުދިން އިސްލާޙް ކުރުމަށް ކުރިއަށްގެންވާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ދ.ވާނީގައި ނިންމުމަށްފަހު، މިހާރު ވަނީ ދެވަނަ ފިޔަވަހި ފައްޓަވާފައެވެ. ޕްރޮގްރާމްގެ 19 ބައިވެރިން ދ.ވާނީގައި ދެމަސް ދުވަސް ހޭދަކޮށްފައިވެއެވެ. އެއަށްފަހު އެކުދިން ޢާއިލާތަކާ ޙަވާލުކުރުމަށްފަހު، ދެވަނަ މަރުޙަލާގައި ކުރިއަށްދަނީ ތަޢުލީމާއި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިންޓަރންޝިޕް ޕްރޮގްރާމެވެ.

އިންޓަރންޝިޕް ފުރިހަމަ ކުރަމުންދާއިރު، ކުދިން ގިނަ ވަގުތު ހޭދަކުރަނީ ޢާއިލާއާއެކު ކަމަށްވާތީ ޖުވަނައިލް ޖަސްޓިސް ޔުނިޓުން މިވަނީ އެކުދިންގެ ބެލެނިވެރިންނަށް އަމާޒު ކޮށްގެން ހޭލުންތެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 16 ބެލެނިވެރިއަކު މި ތަމްރީންގައި ބައިވެރިވެފައިވެއެވެ. 17 ދުވަހުގެ ތަމްރީންތައް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.

އުންމީދު ފަހި މާދަމާއަށް ޕްރޮގްރާމަށް 2.3 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކުރައްވާފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ކާމިޔާބު އިސްލާޙް ޕްރޮގްރާމްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ހިންގުނު މިފަދަ އެހެން ޕްރޮގްރާމްތަކަށް ވުރެ، މިފަހަރު ކުރިއަށްގެންދެވޭ ޕްރޮގްރާމަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ޕްރޮގްރާމެއް. މުޖުތަމަޢުގެ ޙާލަތު އޮތް ގޮތުން މިފަދަ ޕްރޮގްރާމްތައް އިތުރުކުރަންވެސް ޖެހޭ. ފުރަތަމަ ޕްރޮގްރާމްވީމާ ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއްވެސް ދިމާވި. ނަމަވެސް މިހާރު އަޅުގަނޑުމެން މިވަނީ، ވީހާވެސް ޚަރަދުކުޑަކޮށް، އެފެކްޓިވްކޮށް މިފަދަ ޕްރޮގްރާމްތައް ހިންގޭނެކަން އެނގިގެން ގޮސްފަ." ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

ބެލެނިވެރިންނަށްވެސް މުހިންމު މެސެޖްތަކެއް މިނިސްޓަރ ދެއްވާފައިވެއެވެ. ރާއްޖޭގައިވެސް ފިރިހެނުންނަށްވުރެ އަންހެނުން ގިނަކަން ފާހަގަކުރައްވާ، މުޖުތަމަޢު އިސްލާޙް ކުރުމުގައިވެސް އަންހެނުންގެ ދައުރު ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤައުމުގެ އިޖުތިމާޢީ ފޭރާމާއި، މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށް، އަންހެނުން ބާރުވެރިވެ، އަންހެނުންގެ އިޙްތިރާމާ ގަދަަރު މުޖުތަމަޢުގައި ހިފެހެއްޓުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖުވަނައިލް ޖަސްޓިސް ޔުނިޓުން ވަނީ ސިލްސިލާ ގޮތެއްގައި މިފަދަ ޕްރޮގްރާމްތައް ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމަވާފައެވެ.