ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ސައިކަލު ދުއްވި މީހަކަށް ފިޔަވަޅުއަޅައި ސައިކަލު ޓޯކޮށްފިއެވެ.
ސިނަމާލެ ބުރިޖުގައި ޒުވާނަކު ނުރައްކާތެރިކޮށް ސައިކަލު ދުއްވަމުންދިޔަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މި ވީޑިއޯގައި ސައިކަލު ދުއްވި މީހާ ފަރުވާ ކުޑަކޮށް އަދި އާންމުކޮށް ސައިކަލު ދުއްވާގޮތާއި ޚިލާފަށް ސައިކަލުމަތީގައި ހަރަކާތްތެރިވާ މަންޒަރުވަނީ ފެނިފައެވެ.
ފުލުހުން ވިދާޅުވީ އެވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އުޅަނދުގެ މައުލޫމާތާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ ފިޔަވަޅުއަޅާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ގަވާއިދާ ޚިލާފަށް ދުއްވި އުޅަނދު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯކޮށްފައެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި މަގުމަތީގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުއްވުމާ ގުޅިގެން ގަވާއިދުގެ ތެރެއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ގެންދަވަނީ އަބަދުވެސް އިލްތިމާސް ކުރައްވަމުންނެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.