ތަރައްްޤީ

ޕީޕީއެމްގެ "އަސްލު ޖަލްސާ" ހުކުރުދުވަހުގެ ރޭ


ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "އަސްލު ޖަލްސާ" މިނަމުގައި އަންނަ ހުކުރުދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ. 

މި ޖަލްސާގެ ކަންކަނ ބެލެހެއްޓެވުމުގައި އިސްކޮށް ހަރަކާތެރިވެޑައިގަންނަވާ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިޙާނު ހުސައިން މަނިކު މިއަދު ވިދާޅުވީ، ހުކުރުދުވަހުގެ ރޭގެ ޖަލްސާއިން ޕީޕީއެމްގެ ވަރުގަދަކަމާއި ބަދަހިކަން ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށެވެ. އަދި އެ ޖަލްސާއަކީ ޚާއްސަ އަދި މުހިންމު ޖަލްސާއެއްކަމަށްވެސް ނިހާން  ވިދާޅުވިއެވެ. 

ނިހާން ވިދާޅުވީ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ހަރަކާތައް އިތުރުވެފައިވާކަމަށެވެ. އަދި ޕާޓީގެ ހަރާކަތްތައް ކުރިޔަށްދަނީ ޑިމޮކްރެސީގެ ރިވެތި އުސޫލްތަކާއި އެއްގޮތަށްކަމަށެވެ.  

ޕީ.ޕީ.އެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ، ޕާޓީގެ ހިންގުން މުސްތަޝާރާއި ހަވާލުކުރައްވަން ޝަރުއީ މަރުހަލާގެ އެންމެ ފަހުގެ މަރުހަލާއިން ނިންމެވިނަމަވެސް  ޕާޓީގެ ހިންގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޕާޓީގެ އޮފީހުން ކޮންމެހެން ލިބެން ޖެހޭ މުހިއްމު މައުލޫމާތު ޕާޓީ އޮފީސް ތެރެއިން ނައްތާލާފައިވާކަމަށް އެނާ ތުހުމަތުކުރެއްވިއެވެ. އަދި  އެކަން ތަޙްގީގުކުރެއްވުމަށް މިހާރު ފުލުހުންނަށް ހުށައަޅުއްވާފައިވާކަމަށްވެސް އާރިފް ވިދާޅުވި.