ތަރައްްޤީ

"ޓަރޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިޔަށްދޭ"


އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ޤާއިމް ކުރެއްވުމަށް ކުރަމުންދާ މަސައްކަތް ވަރަށް ކާމިޔާބުކަމާއި އެކު ކުރިޔަށްދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތެއް ލިބިދެއްވުމުގެ ސިޔާސަތުގެ ދަށުން އުތުރާއި ދެކުނުގައި، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ޤާއިމްކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދު ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިއަހަރު ވަނީ ފަށްޓަވާފައެވެ.

މި މަޝްރޫޢާއި ބެހޭ ތަފްޞީލު ޙިއްޞާ ކުރައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޙުސައިން ރަޝީދު ވިދާޅުވީ، ޓަރޝަރީ ފެންވަރުގެ ޚިދްމަތްދިނުމަށް މި ދެ ހޮސްޕިޓަލަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެންނަވަމުން ގެންދަވާކަމަށެވެ. 

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓަރޝަރީ ފެންވަރުގެ ދެ ހޮސްޕިޓަލް ޤާއިމް ކުރެއްވުމަކީ، އާބާދީގެ ބޮޑު ބަޔަކަށް އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބިގެންދާނެ މަޝްރޫޢެކެވެ. ހަމަ އެއާއެކު ބޭސްފަރުވާއަށް މާލެ އައުމަށް ރައްޔިތުން އުފުލާ ތަކްލީފް ކުޑަވެ، އާސަންދައިން މިހާރު މިކަމަށް ކުރާ ޚަރަދަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.