އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް ނެރެ ޢަމަލުކުރަން ފަށައިފިއެވެ.
އިންޝުއަރެންސްއާބެހޭ ޤާނޫނު ތަންފީޛުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. މި ގަވައިދުތައް ޝާއިޢުކޮށްފައި ވަނީ 27 އޮގަސްޓު 2026 ގައެވެ. މި ގަވާއިދުތަކަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އަދި އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ.
މި ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ. މިގޮތުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
މި ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ޤާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ. މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭނެއެވެ.
އިންޝުއަރެންސްއާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެތެރޭގައެވެ. އިންޝުއަރެންސާ ބެހޭ ބިލު ރައީސުލްޖުމްޙޫރިއްޔާ ތަސްދީގު ކުރެއްވުމުން ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެފަދަ ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބަލާނެއެވެ. އަދި މީގެ ސަބަބުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވި، ދާއިރާ ތަރައްގީކޮށް ވާދަވެރިކަން ފުޅާކުރުވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.
ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއްކަމުގައި ހެދުމަކީ މި ޤާނޫނުގެ މަގުސަދެކެވެ.
އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންނެވެ. އެގޮތުން، އިންޝުއަރެންސް ވިޔަފާރިތައް އަދި އިންޓަރ މީޑިއަރީތައް ރެގިއުލޭޓްކޮށް އެއޮތޯރިޓީން ސުޕަވައިޒް ކުރާނެއެވެ. ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިންދޭ ލައިންސަންސް އޮވެގެންނެވެ.