ޚަބަރު

ޖޭ 30 މުބާރާތުން ގިނަ ކުރިއެރުންތަކެއް ހޯދުނު: ކަރިން


  • ކަރިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި

  • މިއީ ތަޖުރިބާތަކެއް ލިބުނު މުބާރާތެއްކަމަށް ކަރިން ބުނި

މާލޭ ޓެނިސް ކޯޓުގައި ފޯރިއާއެކު ކުރިއަށްދިޔަ ބައިނަލްއަޤްވާމީ ޓެނިސް މުބާރާތެއްކަމަށްވާ އައިޓީއެފް ޖޭ 30 އިން ގިނަ ކުރިއެރުންތަކެއް ހޯދުނުކަމަށް ރާއްޖޭގެ އުންމީދީ ޓެނިސް ތަރި އާއިޝަތު ކަރިން ސައިޒާން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކަރިން ބުނީ މިމުބާރާތުގެ ސަބަބުން އޭނާއަށް ގިނަ ކުރިއެރުންތަކެއް އައިކަމަށް ގަބޫލުކުރާކަމަށެވެ. އަދި މީގެ ކުރިން މުބާރާތްތަކުގައި ނުކުޅެވޭ ފެންވަރަށް، މޮޅު ކުޅުމެއް ދެއްކުނުކަމަށާ އެކަމާމެދު އޭނާ ވަރަށް އުފާވާކަމަށް ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

"ވަރަށް އުފާވެއްޖެ. ވަރަށް ގިނަ އެއްޗެހި އިމްޕްރޫވްކުރެވިއްޖެކަން ފާހަގަވި މިމުބާރާތުން. އެއީ މިދިޔަ މަސްތަކުގައި މިއައީ އެހެން މުބާރާތެއް ބޭރުގައި ކުޅެފައި. އެމުބާރާތުގައި ނުކުރެވުނު ކަންކަން މިމުބާރާތުގައި ވަރަށް ރީއްޗަށް ކުރެވުނު. އެހެންވީމަ ވަރަށް އުފާވެފަ މިހިރީ" ކަރިން ބުންޏެވެ.

މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ވީކް 1 ގެ ކުއާޓާއިން ފުރުސަތު ހޯދާ، ވީކް 2 ގެ ޑަބަލްސް އިވެންޓްގެ ސެމީގައިވެސް ވާދަކުރި ކަރިން ބުނީ ސެމީފައިނަލް މެޗުގައި ވާދަކުރީ ވަރަށް މޮޅު ޕެއާއަކާކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ސެޓުގައި ވަރަށް ހިތްވަރުކުރެވުނުކަން އޭނާވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެން ކުޅުނީ ވަރަށް ވަރުގަދަ ޕެއާއަކާ ސެމީ ފައިނަލުގައި. ފުރަތަމަ ސެޓް ދިޔައީ ވަރަށް ކައިރިކައިރީގައި. ސާވިސް ގޭމް ނަގާ، ބްރޭކްކޮށްފިއްޔާ އެކޮޅުންވެސް ބްރޭކްކުރޭ. އެކަމަކު ފައިވް އޯލްވެފަ އެމީހުންނަށް އެ ގޭމް ލިބުނީ. ދެވަނަ ސެޓް އެކުޅުންތެރިން ނެގީ ވަރަށް ފަސޭހަކޮށް. ހަމަ ވަރަށް މޮޅު އެކުދިން" ކަރިން ބުންޏެވެ.

މިމުބާރާތުގެ ތަޖުރިބާއަކީ އޭނާގެ ކުރިއެރުމަށް ލިބުނު މުހިންމު ފިލާވަޅެއްގެ ގޮތުގައި ކަރިން ފާހަގަކޮށްފައިވާއިރި، މިފަދަ ތަޖުރިބާތަކުން ކުރިއަށް ހުރި ބޮޑެތި ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ފަސޭހަވެގެންދާކަމަށް އުންމީދީ އެތްލީޓް ފާހަގަކުރިއެވެ. ބައިނަލްއަޤްވާމީ ކުޅުންތެރިންނާ ވާދަކޮށްލަން ލިބުމަކީ ކުޅުން އިތުރަށް ރަނގަޅުކުރަންވީ ދިމާތައް ދެނެގަންނަން ލިބޭ ފުރުސަތެއްކަމަށް ކަރިން ބުނެފަވެއެވެ.

ޖޭ 30 މުބާރާތް ކުރިއަށް ދިޔަ ދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނުގަދަވި ދުވަސްތަކެއްކަމުން އެކަމުގެ އުނދަގޫ ކޮންމެވެސް ވަރަކަށް ކުރިމަތިވިކަމަށް ކަރިން ބުންޏެވެ. އެގޮތުން ފައި އަކުނިވަޔަށް ދެމުމާއި މާބޮޑަށް ދާހިތްލުން ފަދަ ކަންކަން ދިމާވި ނަމަވެސް މިއީ ރާއްޖޭގެ ކުޅުންތެރިންނަށް އެޑްވާންޓޭޖެއްކަމަށް ކަރިން ބުންޏެވެ. ސަބަބަކީ ބޭރުން އައި ކުޅުންތެރިންނަކީ މިފަދަ ހޫނަށް އާދަވެފައިވާ ބަޔަކަށް ނުވާއިރު، ރާއްޖެއަކީ ހޫނު ގަދަ ޤައުމަކަށްވުމުން ދިވެހި ކުޅުންތެރިންނަށް ހޫނުގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާނެތީކަމަށް ކަރިން ފާހަގަކުރިއެވެ.