ޚަބަރު

މައްކާއަށް ދިން މިސައިލް ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


ހޫތީ ސިފައިން، ސަޢުދީ ޢަރަބިއްޔާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް މައްކާއަށް ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ، ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއެކު ކަމުގައާއި، މި ޢަމަލަކީ އެމަނިކުފާނު ނުހަނު ނަފްރަތުވި ޢަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ސަޢުދީ ޢަރަބިއްޔާއާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ރާއްޖެއިން ސަޢުދީ ޢަރަބިއްޔާގެ އަމަން އަމާންކަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތުގައި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.