މެޗުން ބަލިވާން ދަނިކޮށް, އިތުރު ވަގުތުގައި ދެ ގޯލް ޖަހައިގެން އާ ސީޒަންގެ ލީގުގައި ޕީއެސްޖީގެ ދެވަނަ މެޗުވެސް އެއްވަރުވެ, ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ މިސީޒަންގައި ލީގު ފެށީވެސް ޕޮއިންޓަކުންނެވެ. ދެވަނަ މެޗު ޕޮއިންޓަކުން ފުއްދާލީ ލިލް 2-0 ން ކުރީގައި އޮވެ, މެޗުގެ 90 މިނިޓް ހަމަވި ފަހުން ދެ ގޯލް ޖަހައިގެންނެވެ. މެޗުގައި ލިލްގެ ދެ ގޯލް ޖެހީ ހާކަން ހަރޮލްޑްސަން އާއި ޑިލާނޭ ބަކްވާ އެވެ. ދެ ގޯލްގެވެސް މުހިއްމު ހިއްސާދާރަކީ ފްރާންސް ގައުމީ ޓީމްގެ ކުރީގެ ފޯވާޑް 39 އަހަރުގެ ޖިރޫޑް އެވެ. ދެ ގޯލް ޖަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޖިރޫޑް އެވެ. ފުރަތަމަ ގޯލް ހާކަން ހަރޮލްޑްސަން ޖެހީ 20 ޔާޑް ދުރުންނެވެ.
ރަނގަޅު ލީޑަކާއެކު 90 މިނިޓް ހަމަކުރި ނަމަވެސް, ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ވަނީ އެފަރަގު ނައްތާލީ ދެ މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ޕޮއިންޓެއް ހޯދާފައެވެ. ފަރަގު ކުޑަކޮށްދިނީ 91 ވަނަ މިނިޓްގައި ވިޓިނިއާ އެވެ. އަދި ޖެހިގެން އައި މިނިޓްގައި މާކުއީނޯސް ބޮލުން ޖެހި ބޯޅަ ގޯލަށް ވައްދާލައިގެން ނަތީޖާ ހަމަހަމަ ކުރިއެވެ. މިސީޒަންގައި ޕީއެސްޖީ އަދި މޮޅުވީ ޔުއެފާ ސުޕަރ ކަޕްގައި އެސްޓަން ވިލާ އަތުންނެވެ. ލީގުގައި ކުޅުނު ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.