ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން ސްޓުޓްގާޓް ބަލިކޮށް އާސީޒަން ކާމިޔާބީ އަކުން ފަށައިފިއެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 5 ލަނޑު އެއް ލަނޑުންނެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބަޔާނުން ބޯޅަ ގެންގުޅުނު އިރު އެޓީމުން 21 ހަމަލާ އުފައްދާފައިވެއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބަޔާނުންނެވެ. މިލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބު ކޮށްފައިވަނީ ޑާޔޯ އުޕަމެކާނޯއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ފުރަތަމަ ހާފު އެއް ލަނޑު ސުން ލަނޑުގައި ބޭއްވުމަށްޓަކައި ސްޓުޓްގާޓްގެ ކީޕަރ ފަބިއަން ބްރެޑްލޯ ރަނގަޅު ހަމަލާތަކެއް ދިފާއުކޮށްފައިވެއެވެ.
ސްޓުޓްގާޓުން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ 52 ވަނަ މިނެޓުގައި ޖޯޝުއާ ވެގްނޮމަން ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ނަމަވެސް މިނަތީޖާގައި ސްޓުޓްގާޓަށް ހިފަހައްޓާލެވޭވަރުވީ އެންމެ ތިން މިނެޓް ވަންދެނެވެ. މިމެޗުގައި ބަޔާނުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ބަޔާންގެ ލީޑު އިތުރަށް ފުޅާވެގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މިލަނޑަކީ ސްޓުޓްގާޓުން މިމެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައިދިން ވެގްނޮމަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބަޔާނުން މިމެޗުގައި ކާމިޔާބު ކުރި 4 ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްސަންޑަރ ޕަވްލޮވިޗެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒެވެ. މިމެޗުގައި ބަޔާނުން ކާމިޔާބު ކުރި 5 ލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ޖެހުމުގައި ޖޯޝުއާ ކިމިޗް އެސިސްޓް ކުރިއިރު ފަހު ދެލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި އިސްމާއީލް ސައިބާރީއެވެ. މިއީ ސައިބާރީ ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ މެޗެވެ.
މިކާމިޔާބީއާއެކު ބުންޑެސްލީގާގެ އާ ސީޒަން ބަޔާނުން މޮޅަކާއެކު ފަށާފައިވާއިރު އާސީޒަން ފެށުމުގެ ގޮތުން ކުޅުނު ޖަރމަން ސުޕަރ ކަޕްވެސް ބަޔާންވަނީ ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ކާމިޔާބު ކޮށްފައެވެ.