ދުނިޔެ

9 މިލިއަން ޑޮލަރަށް ކާރެއްގެ ނަމްބަރު ބޯޑު ގަނެފި !


ތެލުގެ މުއްސަނދިކަން ލިބިފައިވާ ޔުއޭއީގެ މަހުޖަނުން ދުއްވާ އަގުބޮޑެތި ކާރުތައް ފުރިހަމަވާކަމަށް އެމީހުން ދެކެނީ އެކާރުގެ ނަމްބަރު ބޯޑުގައި ރީތި ނަމްބަރުތަކެއް ނުވަތަ ނަމްބަރެއް ހުރުމުންނެވެ. އެހެންކަމުން ޔޫއޭއީގައި ދިރިއުޅޭ މުއްސަނދިން ތިބީ އެފަދަ ރީތި ނަމްބަރު ބޯޑެއް ހޯދުމަށް ކިތަންމެ ބޮޑު ހޭދައެއްކުރަންވެސް ތައްޔާރަށެވެ. މިގޮތުން ދުބާއީގައި ވިޔަފާރިކުރާ އިންޑިއާގެ މަހުޖަނެއްކަމަށްވާ ބަލްވިންދަރު ސަޙްނީއަކީ ފާހަގަކޮށްލެވޭ މީހެކެވެ.

ސަޙްނީއަކީ ދުބާއީގެ ޕްރޮޕަރޓީ ޑިވެލޮޕަރެކެވެ.( ބިން ނުވަތަ ޢިމާރާތްތަކުގައި ތަފާތު ވިޔަފާރިތައް ތަރައްޤީކުރާ ފަރާތްތައް). އޭނާ ބޭނުންވީ އޭނާގެ އަތުގައި އޮންނަ އަގުބޮޑު ރޯލްސް ރޮއިސް 2 ކާރުގެ ތެރެއިން އެއް ކާރުގެ ނަމްބަރު ބޯޑުގައި ހަމައެކަނި "5" ޖެހުމަށެވެ. ސަރުކާރުން އެނަމްބަރު ބޯޑުގެ ނީލަން ހުޅުވާލުމުން އޭނާވަނީ 33 މިލިއަން ދިރުހަމް ނުވަތަ 9 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއްކޮށް، އެނަމްބަރު ބޯޑު ގަނެފައެވެ. މިއީ ކާރެއްގެ ނަމްބަރު ބޯޑެއް ގަތުމަށް މިފަދަ ބޮޑު ހޭދައެއް މީހަކު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2008 ވަނަ އަހަރު އަބޫދާބީގެ ވިޔަފާރިވެރިޔަކު ވަނީ 14 މިލިއަން ޑޮލަރަށް އޭނާ ބޭޏުންވާ ނަމްބަރު ޕްލެޓް ބޯޑެއް ގަނެފައެވެ.

img:http://s4.psmnews.mv/images/660x400/14779871088273.jpg|ސަހްނީ، އޭނާ ގަތް "ނަމްބަރު 5" ބޯޑާއެކު

ސަހްނީ ޤަބޫލުކުރާގޮތުގައި އަގުބޮޑުކޮށް ކާރުގެ ނަމްބަރު ބޯޑު ގަތުމުން އޭނާއަށް ވަނީ ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިފައެވެ. މަގުމައްޗަށް ނިކުންނަ ކޮންމެ ފަހަރަކު އޭނާގެ ކާރާއެއްކޮށް މީހުން ފޮޓޯ ނަގަން ބޭނުންވެއެވެ. އަނެއްކޮޅުން މިފަދަ ޚަރަދެއްކުރުމުން އޭނާއަށް ފާޑުކިޔާ މީހުންވެސް މަދެއް ނޫނެވެ.

"ވަރަށް އުނދަގޫވޭ އަހަންނަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްތޯ ނުބަލާ ފާޑުކިޔާތީ" އޭނާއަކީ އާދައިގެ މީހެއްކަން ސިފަކުރަމުން ސަހްނީ ބުންޏެވެ.

މިއީ އަގުބޮޑުކޮށް ނަމްބަރު ބޯޑެއް އޭނާ ހޯދި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު 24.5 މިލިއަން ދިރުހަމް ނުވަތަ 6.7 މިލިއަން ޑޮލަރު ހޭދަކުރުމަށްފަހު ނަމްބަރު "9" ޖަހާފައިވާ ނަމްބަރު ބޯޑެއް އޭނާގެ އަގުބޮޑު ރޯލްސް ރޮއިސް ކާރަށް ގަނެފައެވެ.

img:http://s3.psmnews.mv/images/660x400/14779870680818.jpg|" ނަމްބަރު 5 " ނަމްބަރު ޕްލެޓް ބޯޑު ނީލަން ކިއުމަށް ބޭއްވި ހަފްލާގެ ތެރެއިން

ދުބާއީގައި އިންކަމް ޓެކްސް ނުނަގަތީ ސަހްނީ ޤަބޫލުކުރަނީ މިފަދަ އަގުބޮޑެތި ތަކެތި ގަތުމުން، އޭނާގެ ފަރާތުން އެހެން މީހުންނަށް އެހީތެރިވެވިދާނޭކަމަށެވެ. އަދި އޭނާ ޚަރަދުކުރާ ފައިސާ ސަރުކާރުން އެހީދިނުމަށާއި ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކުރާނޭކަމަށް ސަހްނީ ޤަބޫލުކުރެއެވެ.

"އަހަރެން ޤަބޫލުކުރަން އަހަރެން ފަރާތުން އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް، އެއީ މިޤައުމުން އަހަންނަށް ވަރަށް ބައިވަރު މުދަލާއި ފައިސާ ލިބިއްޖެ" އޭނާ އަގުބޮޑެތި ތަކެތި ހޯދާ ސަބަބު ކިޔައިދެމުން ބުންޏެވެ. 

ނަމަވެސް ދުބާއީގެ ރޯޑް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީން މިފައިސާ ޚަރަދުކުރަނީ ކޮންގޮތަކަށްކަމެއް ހާމަކޮށްފައެއްނުވެއެވެ. އެއިދާރާއަށް ނަމްބަރު ބޯޑުތައް ވިއްކުމަށް އެތަކެއް ނީލަމެއް ބާއްވާއިރު، ނީލަންތައް އާއްމުކޮށް ފެށެނީ މިލިއަނެއްހާ ދިރުހަމުންނެވެ. މިއީ ރަނގަޅު ވިޔާފާރިއެއްކަމަށް ދެކިގެން ޔޫއޭއީގެ އަމިއްލަ ކުންފުނިތަކުންވެސް މިހާރު ދަނީ މި ވިޔަފާރީގެ ތެރެއަށް ވަންނަމުންނެވެ. މިވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ކާރުތަކަށްވުރެ އޭގެ ހަރުކުރާ ނަމްބަރު ބޯޑުގެ އަގުބޮޑެވެ. އެހެންކަމުން ނަމްބަރު ބޯޑު ވިއްކާ ފަރާތްތަކާއި ގަންނަން ބޭނުންވޭ ފަރާތްތައް ގުޅުވައިދޭ ވެބްސައިޓުތައްވެސް ޔޫއޭއީގައި ދަނީ ގިނަވަމުންނެވެ.