ޚަބަރު

އެމްޓީސީސީގެ 16 މުވައްޒަފަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީގެ ހިޔުމަން ރިސޯސް ޑިވޮލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން 16 މުވައްޒަފަކަށް މަތީ ތަޢުލީމް ހާޞިލްކުރުމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޗެއާޕަރސަން ޙުސައިން ސާލިމް މުޙައްމަދު ވިދާޅުވީ ކުންފުނިން ހިންގަމުން އައި މުހިންމު ޕްރޮގްރާމް އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ފެށިގެން ދިއުމަކީ ކުންފުނީގެ މުވައްޒަފުން އެދިއެދި ތިބި ކަމެއް ކަމަށެވެ. އަދި މި ލިބުނު ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ސާލިމް ވަނީ ބައިވެރިންނަށް ގޮވާލައްވާފައެވެ.

އެމް.ޓީ.ސީ.ސީން މިއަހަރު މަތީ ތަޢުލީމު ހާޞިލްކުރުމަށް ފުރުޞަތު ދީފައިވާ ދާއިރާތަކަކީ މާސްޓަރޒް އިން އިންޖިނިއަރިންގ މެނޭޖްމެންޓް، ބެޗެލަރ އިން ސިވިލް އިންޖިނިއަރިން، މާސްޓަރޒް އަދި ބެޗްލަރޒް އިން އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގެ އިތުރުން މާސްޓަރޒް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަނެވެ. އެމް.ޓީ.ސީ.ސީއިން ކުރިއަށްގެންދާ ހިޔުމަން ރިސޯސް ޑިވޮލޮޕްމަންޓް ޕްރޮގްރާމަކީ ކުންފުނީގެ ތަފާތު މަޤާމުތަކަށް ބޭނުންވާ ޤާބިލު މުވައްޒަފުން ބިނާ ކުރުމަށް 2000 ވަނަ އަހަރު ހިންގަން ފެށި ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ފަންސާހަށްވުރެއް ގިނަ މުވައްޒަފުންނަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ކޮށްފައިވާ ކަމަށް އެމް.ޓީ.ސީ.ސީއިން ހާމަކުރެއެވެ.

އެމް.ޓީ.ސީ.ސީއަކީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި ވިޔަފާރިވެސް ކުރަމުން އަންނަ ކުންފުންޏެކެވެ. އެމް.ޓީ.ސީ.ސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޓިފައުލިންގ ސިސްޓަމްގެ ރާއްޖޭގެ އެޖެންޓްވެސްމެއެވެ. ދަތުރުފަތުރު ކުރުމުގެ ޚިދުމަތާއި ފަޅު ފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު ޢިމާރާތް ކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ފަދަ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމް.ޓީ.ސީ.ސީ މިހާރު ގެންދަނީ ހިންގަމުންނެވެ.