ޚަބަރު

އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލީޓުންނަށް ސެޝަނެއް


  • އޭޝިއަން ގޭމްސް ކުރިއަށްދާނީ އަންނަ މަހުގެ 19 އިން އޮކްޓޯބަރު މަހުގެ 4 އަށް

  • މިމުބާރާތުގައި ރާއްޖެއިން 7 ކުޅިވަރެއްގައި ވާދަކުރޭ

އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޤައުމީ އެތްލީޓުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަންގެ މަގްސަދަކީ އަންނަމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް އައިޗީ – ނަގޯޔާ 2026 ގައި ވާދަކުރާ ޤައުމީ އެތްލީޓުންނަށް މުބާރާތަށް ތައްޔާރުވުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތައް ހިއްސާކޮށް އެތުލީޓުންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން 7 ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީއެވެ. މުބާރާތަށް ޤައުމީ އެތްލީޓުން ފުރުމަށް ހަމަޖެހިފައިވަނީ އެކި ތާރީޚްތަކުގައެވެ.

އޭޝިއަން ގޭމްސްއަށް އެމްއޯސީއިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެތްލީޓުންގެ ދަތުރުފަތުރުގެ ކަންކަމާއި މުބާރާތުގައި ވާދަކުރުމަށް އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތެވެ. އޭޝިއަން ގޭމްސްއަށް ރާއްޖޭގެ ޓީމުތަކުން މިހާރުވަނީ ފޯރިއާއެކު ފަރިތަކުރުންތައް ފަށާފައެވެ.