ސިއްހަތު

"އެޑޮލަސަންޓް ހެލްތް ސްކްރީނިންގ ރިޕޯޓް 2015" ލޯންޗުކޮށްފި


"އެޑޮލަސަންޓް ހެލްތް ސްކްރީނިންގ ރިޕޯޓް 2015" އަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ކުރިއަށްގެންދެވުނު ހެލްތް ސްކްރީނިންގ އިން ލިބުނު މަޢުލޫމާތުތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކުރިއަށްގެންދިޔަ ހެލްތް ސްކްރީނިންގ ޕްރޮގްރާމްގައި ރާއްޖޭގެ ގްރޭޑް 7 ގައި ކިޔަވަމުންދާ 4238 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އެޑޮލަސަންޓް ހެލްތް ސްކްރީނިންގ ރިޕޯޓް 2015" ލޯންޗްކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އައިޝަތު ރަމީލާއެވެ.

2015 ވަނަ އަހަރުގެ ހެލްތް ސްކްރީނިންގ ރިޕޯޓްގައި އިސްކޮޅާއި އެއްވަރަށް ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހުރީ އަންހެން ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިންނެވެ. ފިރިހެންކުދިން ހުރީ 54 އިންސައްތައިގައިކަމަށް ފާހަގަކުރެވެއެވެ. މި ހެލްތް ސްކްރީނިންގގެ ނަތީޖާތައް ދައްކާގޮތުން އެވްރެޖް ޢުމުރުފުރާގެ ގޮތުގައި ހިމެނޭ ޢުމުރުން 13 އަހަރުގެ ކުދިންގެ ތެރެއިން އާދަޔާ ޚިލާފަށް ފަލަ ކުދިންގެ ތެރޭގައި ފިރިހެން ކުދިން ހުރީ 9.51 އިންސައްތައިގައެވެ. އަންހެން ކުދިން ހުރީ 9.32 އިންސައްތައިގައެވެ. އޯވަރވެއިޓް ނުވަތަ ބަރުދަން އިތުރު ކުދިންގެ ތެރެއިން 16 އިންސައްތައަކީ ފިރިހެން ކުދިން އަދި 12 އިންސައްތައަކީ އަންހެން ކުދިންނެވެ.

ހަށިގަނޑުގެ ބަރުމިން ހުންނަންޖެހޭ ވަރަށްވުރެ ލުއި ކުދިންގެ ގޮތުގައި 9 އިންސައްތަ ފިރިހެން ކުދިން ހިމެނޭއިރު 17 އިންސައްތަ އަންހެން ކުދިންނަކީ ހުންނަންޖެހޭ މިންވަރަށްވުރެ ބަރުދަން ލުއި ކުދިންކަމަށް މިރިޕޯޓުން ދައްކައެވެ. އަދި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުދަން ލުއިކުދިންގެ ތެރެއިން 6 އިންސައްތައަކީ ފިރިހެން ކުދިން އަދި 13 އިންސައްތަ އަކީ އަންހެން ކުދިންކަމަށްވެސް މިރިޕޯޓުން ދައްކައެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިނަތީޖާތަކަށް ބަލާ ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ފާހަގަކުރެވޭކަމަށެވެ.

މިރިޕޯޓުން ދައްކާގޮތުގައި ހިމޮގްލޮބިން ލެވެލް އާއްމުގޮތެއްގައި ހުރިހާ ދަރިވަރުންގެ އެވްރެޖް މިންވަރެއްގައި ހުރިނަމަވެސް 30 އިންސައްތަ ފިރިހެން ކުދިންނާއި 45 އިންސައްތަ އަންހެން ކުދިންނަކީ އެނީމިކް ކުދިންކަމަށް ފާހަގަކުރެވޭކަމަށެވެ.

ހެލްތް ސްކްރީނިންގގެ ނަތީޖާތައް ދައްކާގޮތުން ސިއްޙީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޑެންޓަލް މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވޭ، ހިރުގަނޑާއި ދަތުގެ މައްސަލަތަކެވެ. މިގޮތުން 10 އިންސައްތަ ކުދިންގެ އަނގައިގެ ތެރޭގެ ތަފާތު މައްސަލަތައް ފާހަގަކުރެވޭކަމަށް މިރިޕޯޓުން ދައްކައެވެ. ލޮލުގެ މައްސަލަތަކާއި، ނޭވާހިއްލުމާއި، ހަމުގެ މައްސަލަތަކާއި، ކަރުން މަތީގެ މައްސަލަތައްވެސް މިއުމުރުފުރާގެ ކުދިންގެ މެދުގައި ހުރިކަން ފާހަގަކުރެވޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. މިއުމުރުފުރާގެ ކުދިންގެ ތެރެއިން ލޮލުގެ މައްސަލަތައް ހުރި ކުދިންގެ ގޮތުގައި ފާހަގަވެފައިވަނީ 5 އިންސައްތައެއްހާ ކުދިންގެ މެދުގައެވެ.

ހެލްތް ސްކްރީނިންގ ރިޕޯޓުން ދައްކާގޮތުގައި ކަންފަތާއި، ނޭފަތް އަދި ކަރުތެރޭގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ވަރަށް މަދު މައްސަލަތަކެކެވެ. ހެލްތް ސްކްރީނިންގ ކުރިއަށްގެންދެވުނު އާބާދީގެ 95 އިންސައްތަ ދަރިވަރުންގެ ހަމުގެ މައްސަލައެއް ނެތްކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް ބާކީހުރި 5 އިންސައްތައަކީ ހަމުގެ އެކި މައްސަލަތައް ހުރިކަމަށް ފާހަގަކުރެވޭ ކުދިންނެވެ. މިއުމުރުފުރާގެ ކުދިންގެ ތެރެއިން ބޮޑު އިންސައްތަ ކުދިންނަކީ ވެކްސިން ދީފައިވާ ކުދިންތަކެއްކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހެލްތް ސްކްރީނިންގ ނަތީޖާއިން ދައްކާގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މުޙިއްމުކަންތައްތަކެއް ކުރަންޖެހޭކަމަށާއި މިއުމުރުފުރާއަކީ ކުދިންގެ ދެނެގަނެވޭ މިފަދަ މައްސަލަތަކަށް އެންމެ އެކަށީގެންވާ ޢުމުރުފުރާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން ހެލްތް ސްކްރީނިންގައި ފާހަގަކުރެވޭ ކަންތައްތަކުގެ އަލީގައި ފަރުވާ ހޯދުމަށް ބެލެނިވެރިން ޚާއްސަ ސަމާލުކަމެއްދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.