ޚަބަރު

ފަހު 4 ޖާގަ ފެނަބާޗޭ، ވައިކިންގ، އާއީކޭ އެތެންސް އަދި ސްލޮވަން ބްރަޓިސްލާވާއަށް


  • ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ގުރުައަތުލުން މިރޭ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ފަހު ހަތަރު ޖާގަ ފެނަބާޗޭ، ވައިކިންގ، އާއީކޭ އެތެންސް އަދި ސްލޮވާން ބްރަޓިސްލާވާ ކަށަވަރު ކޮށްފިއެވެ.

މިހަތަރު ޓީމުވެސް މިމުބާރާތުގެ ލީގު ފޭސްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ޕްލޭ އޮފްގައި ރޭ ކުޅުނު މެޗުތަކުން ކުރި ހޯދައިގެންނެވެ. މިމުބާރާތުގެ ލީގު ފޭސްއިން ތުރުކީޔޭގެ ފެނަބާޗޭ ޖާގަހޯދީ ޕްލޭ އޮފްގައި ފްރެންޗް ލީގު އާންގެ ލިއޯން އާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ފެނަބާޗޭގެ ދަނޑުގައި އެއް ލަނޑު އެއް ލަނޑުން އެއްވަރުވިއިރު ލިއޯންގެ ދަނޑުގައި ރޭ ކުޅުނު މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފެނަބާޗޭއެވެ. ލިއޯންއިން ގިނައިރު ބޯޅަ ގެންގުޅުނު މިމެޗުގައި ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ދާދި ހަމަހަމަ ކޮށެވެ.

ނަމަވެސް މިމެޗުގެ ފެށުން ދިޔައީ ލިއޯންއިން ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ހާފުގައި ފެނަބާޗޭއިންވަނީ ވަރަށް ގާތް ގާތުގައި ދެ ލަނޑު ޖަހާ މެޗުގައި ރަނގަޅު ލީޑެއް ނަގައިފައެވެ. ފެނަބާޗޭގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ވެޑާތު މުރީގީ ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާޗީ ބްރައިން އެވެ. މިމެޗުގައި ލިއޯން އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މަލިކް ފޮފާނާއެވެ. މިކާމިޔާބީ އާއެކު ފެނަބާޗޭ މިވަނީ 2008-2009 ވަނަ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދާފައެވެ.

ފެނަބާޗޭގެ އިތުރުން ނޯވޭއަށް ނިސްބަތްވާ ވައިކިންގ ލީގު ފޭސް އިން ޖާގަހޯދީ ޕްލޭ އޮފްގައި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އާއި ބައްދަލުކޮށް 5 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޑީނަމޯގެ ދަނޑުގައި ކުޅެ 2 ލަނޑު 2 ލަނޑުން އެއްވަރުވީއިރު ވައިކިންގގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ވައިކިންގ އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. މީގެކުރިން ޗެމްޕިއަންސް ލީގުގައި ވައިކިންގ ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2005-2006 ވަނަ އަހަރުގެ ސީޒަންގައެވެ.

މިމުބާރާތުގެ ލީގު ފޭސްއިން ގްރީސްގެ އާއިކޭ އެތެންސް ޖާގަހޯދީ ބަލްގޭރިއާގެ ލެވްސްކީ ސޯފިއާ އާއި ބައްދަލުކޮށް 4 ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު ލެވްސްކީގެ ދަނޑުގައި ލަނޑެއް ނުޖެހި ނިމިފައިވާއިރު ދެވަނަ ލެގު އެތެންސްގައި ކުޅެ އެޓީމުން ކާމިޔާބު ކޮށްފައިވަނީ 4 ލަނޑު ސުން ލަނޑުންނެވެ. އަދި ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ސްލޮވާން ބްރަޓިސްލާވާ ކަށަވަރުކުރީ ސްލޮވީނިއާގެ އެންކޭ ސެލްޔޭ އާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެއް ލަނޑު އެއް ލަނޑުން އެއްވަރުވިއިރު ދެވަނަ ލެގު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސްލޮވާންއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ގުރުއަތުލުން މިރޭ ފަރަންސޭސިވިލާތުގެ މޮނާކޯގައި ބާއްވާނެއެވެ. އަދި އެއާއެކު މިފަހަރުގެ މުބާރާތުގައި ވާދަކުރާ 36 ޓީމު ވާދަކުރަން ޖެހޭ ޓީމުތައް ކަށަވަރު ވެގެންދާނެއެވެ.