ޚަބަރު

ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް ތަޢާރަފްކޮށްފި


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. 

ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކުރުމަށް މިއަދު އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ. އެއަރޕޯޓުގައި އަލަށް ޤާއިމުކޮށްފައިވާ ބޮޑީ ސްކޭނަރ މެޝިނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ފަދަ އެންމެފަހުގެ ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ މެޝިނެއްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

އަލަށް މި ތަޢާރަފުކުރެވުނު މެޝިންގެ އެހީގައި ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވައިގެން ނުވަތަ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ފަރާތްތައް ފަސޭހައިން ދެނެގަނެވި، އެތަކެތި ސްކޭންކުރަން ހޭދަވާ ވަގުތު އެތައް ގުނައެއް ސަލާމަތްވެގެންދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

img:http://s1.psmnews.mv/images/660x400/14779247491266.jpg|ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް ހޯމް މިނިސްޓަރ އާއި އިކޮނޮމިކް މިނިސްޓަރ އިފްތިތާޙުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ވަބާކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށާއި، އިޤްތިޞާދަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން އަލަށް މި ތަޢާރަފުކުރެވުނު މެޝިނާއެކު، މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކެއް އިތުރު ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ސަތޭކަށްއަށްވުރެ ގިނަ މީހުން އައި.ޖީ.އެމް.އެޗްއަށް ގެންގޮސް ސްކޭން ކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، އެއަރޕޯޓުގައި އަލަށް ޤާއިމުކުރެވުނު މެޝިނާއެކު، މިފަދަ ކަންކަމަށް ދަޢުލަތުން ކުރާ ޚަރަދު ވަރަށް ބޮޑުތަން ސަލާމަތް ކުރެވިގެންދާނެކަމަށެވެ.

ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާއި އެއްވަރަށް، މަސްތުވާތަކެތި އެތެރެކުރުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ސަރުކާރުން ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.