ޚަބަރު

ކޭއެފްސީއާއި ޕިއްޒާ ހަޓް ރާއްޖެއަށް!


ރަސްފަންނުގައި ތަރައްޤީކުރައްވާ ޕެވިލިއަންގެ މަސައްކަތް ކުރިއަށްއޮތް 5 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި، އެތަނުގެ ޚިދުމަތް ފަށާނީ ފްރެންޗައިޒް ބްރޭންޑްތަކާއެކު ކަމަށް އެމްޑަބްލިއުއެސްސީން ހާމަކުރައްވައިފިއެވެ. އެ ކުންފުނިން މިއަދު ވަނީ ޕެވިލިއަން ތަރައްޤީ ކުރުމާއި، މެއިންޓެއިން ކުރުން އަދި، އޮޕަރޭޝަން ބްރަދާރސް ކޭޓަރިންގ އާއި ޙަވާލު ކުރައްވާފައެވެ.

ރަސްފަންނުގައި ތަރައްޤީ ކުރައްވާ ޕެވިލިއަންގެ މަސައްކަތް ކުރިން ނިންމުމަށް ކަނޑައަޅުއްވާފައިވަނީ މި އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާހުރެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ޕެވިލިއަންގެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ ބްރަދާރސް ކޭޓަރިންގާއި ޙަވާލުކުރައްވާފައެވެ. އެމްޑަބްލިއުއެސްސީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ޕެވިލިއަން ތަރައްޤީ ކުރުމާއި، މެއިންޓެއިން ކުރުން އަދި އެތަން ހިންގުން 10 އަހަރަށް ވަނީ ބްރަދަރސް ކޭޓަރިންއާ ޙަވާލު ކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ޕެވިލިއަންގެ މަސައްކަތް ލަސްވެގެންދިޔައީ އިދާރީ ގޮތުން ނިންމަންޖެހޭ ބައެއް ކަންކަން ނުނިމި ހުރުމުން ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޕެވިލިއަން ނިންމާ ޢާންމުންނަށް އެތަނުގެ ޚިދުމަތް ދެވޭނެކަމުގެ ޔަޤީކަން ފަޒުލް ދެއްވިއެވެ.

ޕެވިލިއަން ހުޅުވާއިރު ކޭއެފްސީ އަދި ޕިއްޒާ ހަޓް ފަދަ ފްރެންޗައިޒް ބްރޭންޑްތައް އެތަނުން ލިބެންހުންނާނެ ކަމަށް ބްރަދާރސް ކޭޓަރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ނިޔާޒް ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރައްވާފައިވާ ރަސްފަންނުގައި ހައްދަވާ ޕެވިލިއަންގެ މަސައްކަތް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ޙަވާލު ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެތަން ފަރުމާކޮށްފައިވަނީ، ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓާއި، ރަސްފަންނަށް މޫދަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ހަދާ ޗޭންޖިންގ ރޫމާއި، މަދަރ ކެއަރ އޭރިއާވެސް ހިމެނޭ ގޮތަށެވެ.