ޚަބަރު

މާލޭގެ އާނަރުދަމާ : 75 މިލިއަން ރުފިޔާގެ ބިޔަ މިމަޝްރޫޢެއް!


ތިން ސަތޭކަހާސް މީހުންގެ އާބާދީއަކަށް އަމާޒު ކުރައްވައިގެން މާލޭގެ ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރެއްވުމަށްޓަކައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީއިން ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ. 

75 މިލިއަން ރުފިޔާގެ މިމަޝްރޫޢު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ ދެހާސް އަށާރަވަނަ އަހަރުގެ ފަހުކޮޅުއެވެ. މާލޭގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރައްވާފައިވަނީ ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު، ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒު ކުރައްވައިގެންނެވެ. ނަމަވެސް މާލޭގެ އާބާދީ މިހާރު މިވަނީ އިންތިހާއަށް އިތުރުވެ، ނަރުދަމާގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައެވެ. 

މާލޭގެ ބައެއް ސަރަޙައްދުތަކުން ނަރުދަމާއިން ނަޖިސް ބޭރުވާ މައްސަލައަކީ މަދުން ނަމަވެސް ކުރިމަތިވާ މައްސަލައެކެވެ. މިކަމަށް ހައްލެއް ގެންނެވުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީއިން މިވަނީ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ގޮތް މީޑިއާއާއި ހިއްސާކުރުމަށް ފެން ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢަކީ ކުރިއަށް އޮތް ފަންސާސް އަހަރަށް މާލޭގެ ނަރުދަމާގެ ނިޒާމް ބެލެހެއްޓުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. 

މި މަޝްރޫޢުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ޕަމްޕް އައުޓް ސިސްޓަމެއް ޤާއިމްކުރެއްވުމަށްވަނީ ހަމަޖައްސަވާފައެވެ. އެ ސިސްޓަމް ޤާއިމްކުރެވިގެން ދިއުމުން، ރަސްފަންނާއި ދިމާލުގައި ހުރި ޕަމްޕް އައުޓު ސިސްޓަމްގެ ބަދަލުގައި ބޭނުންކުރަން ފަށާނީ އެ ސިސްޓަމް ކަމަށާއި ކުރިމަގުގައި މި ސިސްޓަމް ވެގެންދާނީ މާލޭގެ މައި އެއް ޕަމްޕް ސްޓޭޝަނަށް ކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ. 

މީގެ އިތުރުން، ނަރުދަމާ ނިޒާމްގައި އިތުރު ޕަމްޕިންގ ލައިންއެއް އެޅުންވެސް މި މަޝުރޫޢުގެ ދަށުން ކުރިއަށް ގެންދެވުމަށް ރޭވިފައިވާ ކަމަށް ފަޒޫލް ވިދާޅުވިއެވެ. 

މި މަޝްރޫޢަށް ބޭނުންވާ ސާމާނަށް މިހާރު އޯޑަރ ދެއްވާފައިވާ ކަމަށާއި ޖެނުއަރީ ހިސާބުގައި އެތަކެތި ރާއްޖެ ގެނެވޭނެކަމަށާއި، އަދި އެއާ އެކު އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. 

މި މަޝްރޫޢު ކުރިއަށްދެވެމުން ހަމަޖެހިފައިވަނީ ރައްޔިތުންނަށް ނަރުދަމާގެ އެއްވެސް ދަތިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ވިދާޅުވެއެވެ.