ޚަބަރު

"ލާނިންގް އެކްސްޕެޑިޝަން" ނިންމާލައިފި


އަމަލީ މައިދާނުގައި ތަމްރީނާއި ތަޖްރިބާ ހޯދައިދިނުމުގެ މަޤްސަދުގައި ކްލިކް ކޮލެޖްގެ ދަރިވަރުންނަށް ކުރިޔަށްގެންދާ ސްޓަޑީ ޓުއަރ "ލާނިންގް އެކްސްޕެޑިޝަން" ނިންމާލައިފިއެވެ. 

މި ސްޓަޑީ ޓުއަރ އަކީ 2003 ވަނަ އަހަރުންފެށިގެން އެ ކޮލެޖުން ކުރިޔަށްގެންދާ އެސްޕެޑިޝަނެކެވެ. ކްލިކް ކޮލެޖްގެ 6 ވަނަ ލާނިން އެކްސްޕެޑިޝަންގައި މިއަހަރު ދަރިވަރުންވަނީ މެލޭޝިއާ އަދި ސިންގަޕޫރަށް ދަތުރުކޮށްފައެވެ.

މި ދަތުރުގައި ދަރިވަރުންވަނީ އެދެޤައުމުގެ ތަފާތު ސިނާއީ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާ ތަޖްރިބާކޮށްފައެވެ. މީގެ އިތުރުން ވިޔަފާރީގައި ބޭނުން ކުރަމުން އަންނަ އުކުޅުތަކާއި ވަސީލަތްތައް ދެނެގަތުމަށް ދަރިވަރުންނަށް ފުރުސަތު ދީފައިވެއެވެ. 

މި އެކްސްޕެޑިޝަންގެ ނިމުން ފާހަގަކުރުމަށް ޗަމްޕާ ސެންޓަރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ދަރިވަރުން ކުރި ދަތުރުގައި ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް 4 ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. 36 ދަރިވަރުން ބައިވެރިވި މި އެކްސްޕެޑިޝަންގައި އެދަރިވަރުން ތަޖްރިބާކުރި ކަންތައްތަކަށް ބަލާ ރާއްޖޭގައި އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަން ދައްކާލާފައިވެއެވެ. އެގޮތުން ޖަޖުންގެ މާކްސްއާއެކު އެއްވަނަ ހޯދާފައިވަނީ ޢުމްރާނީ ތަރަައްޤީއާ ބެހޭގޮތުން ތައްޔާރުކުރި ޕްރެޒެންޓޭޝަނެވެ. 

އެކްސްޕެޑިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބް މޫސާ ފަތުޙީ އާދަމް ވިދާޅުވީ، މެލޭޝިއާ އަދި ސިންގަޕޫރުފަދަ ތަރައްޤީވެފައިވާ ޤައުމުތަކަށް ޒިޔާރާތްކޮށް ދަރިވަރުން ހޯދާފައިވާ މައުލޫމާތަކީ ކުރިއައް އޮތްތަނުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިއްމު މައުލޫމާތުތަކަމަށެވެ. އަދި މިފަދަ ދަތުރުތަކަކީ އެދަރިވަރުންނަށް ވަރަށް މުހިންމު އަދި ބޭނުންތެރި ދަތުރުތަކެއްކަން ފާހަގަކުރެއްވިއެވެ. 

ދަރިވަރުންގެެ އިތުރުން މި ދަތުރުގައި ބައިވެރި މުދައްރިބުންނަށާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށްވެސް މިރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުން ދީފައެވެ.