ޚަބަރު

ޓައިނީ ހާޓްސްއަށް އެހީވެދޭ ފަރާތްތަކުގެ އަގުވަޒަންކޮށްފި


އުފަންވުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.

"ކަނެކްޓިން ހާޓްސް ފޯ ޓައިނީ ހާޓްސް"ގެ ނަމުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި އެޖަމްއިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި، ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން އެޖަމްއިއްޔާގެ މަސްއޫލު މެންބަރެއް ކަމުގައިވާ ހިޝްމަތު ފާއިޒް ފާހަގަކުރި ގޮތުގައި، އެޖަމިއްޔާ ފެށީ އެންމެ 12 ކުދިންގެ ރަޖިސްޓްރޭޝަނާއެކު ނަމަވެސް މިހާރު އެޖަމްއިއްޔާގައި 442 ކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި މި އަހަރު ވެސް މިހާތަނަށް 51 ކުއްޖަކު ރަޖިސްޓްރީ ވެފައިވާކަން ހިޝްމަތު ފާހަގަކުރިއެވެ. 

ހިޝްމަތު ބުނީ ޓައިނީ ހާޓްސްގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި މިފަދަ ހަފްލާއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ހެޔޮ އެދޭ ފަރާތްތަކާއި، ބެލެނިވެރިންނާއި، ދަރުމަވެރިން އެއްތަނަކުން ބައްދަލުވުމާއި، ޓައިނީ ހާޓްސްގެ މަސައްކަތުގެ މިސްރާބު ކުރިއަށްދާގޮތުގެ މަޢުލޫމާތު ހިއްސާ ކުރުން ކަމަށް އެޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

ޓައިނީ ހާޓްސްއަކީ އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް އެހީތެރިވުމަށް 2009 ވަނަ އަހަރު އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.