ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ ރަންދާ ބޮޑީބޯޑިން ޗެލެންޖްގެ ކުއާޓާ ފައިނަލުން ގައުމީ ބޮޑީބޯޑިން ޓީމުގެ ހަތަރު އެތުލީޓުން ޖާގަ ހޯދައިފިއެވެ. ކުއާޓާ ފައިނަލުން ޖާގަ ހޯދި އެތުލީޓުންނަކީ ކަމަށްވާ އަލީ ޚުޝްރުވާން އަހުމަދު، އާމިން އުމަރު މޫސާ، އަޝްރަފް ހަސަން އަދި އިޔަން އަހުމަދު ޖާގަ ހޯދައިފިއެވެ.
ކ. ތުލުސްދޫގެ ރަންދާ ރާޅުގަނޑު ނުވަތަ ކޯކްސް ރާޅުގަނޑުގައި މި މުބާރާތް ކުރިއަށްދާއިރު، މިއީ ގައުމީ ބޮޑީބޯޑިން ލީގު މުބާރާތެއް މާލޭގެ ވަރުނުލާ ރާޅުގަނޑު ނޫން ތަނެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން އިޔަން ޖާގަ ހޯދީ، ހަތަރުވަނަ ބުރުގެ ހީޓު ދޭއްގައި ވާދަކޮށް ހީޓުގެ ދެވަނަ ހޯދައިގެންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ އާމިންއެވެ. އާމިން އަށް މުޅިއެކު 15.16 ސްކޯކުރިއިރު، އިޔަން އަށް ސްކޯކުރެވުނީ 13.00އެވެ.
އިޔަންއާއެކު ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ، މުހައްމަދު އަޒާން އަހުމަދެވެ. އަޒާން ކުއާޓާގެ ޖާގަ ހޯދީ ހަތަރުވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. މި ހީޓުގެ އެއްވަނަ އަޒާން ހޯދީ މުޅިއެކު 11.50 ސްކޯކޮށްގެންނެވެ. މި ހީޓުގެ ދެވަނަ އަށް ދިޔައީ އަސްވަން މުހައްމަދުއެވެ. އޭނާ އަށް ލިބުނީ 5.13 ގެ ސްކޯއެކެވެ.
ކުއާޓާގެ ދެވަނަ ހީޓުގައި ވާދަކުރާނީ ހަތަރުވަނަ ބުރުގެ ފުރަތަމަ ހީޓުގެ ދެވަނަ ހޯދި އަސްވަން އާއި ހަތަރުވަނަ ބުރުގެ ދެވަނަ ހީޓުގެ އެއްވަނަ ހޯދި އާމިންއެވެ.
ކުއާޓާގެ ތިންވަނަ ހީޓުގައި ވާދަކުރާ ޚުޝްރުވާން ކުއާޓާއިން ޖާގަ ހޯދީ ހަތަރުވަނަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކޮށް އެ ހީޓު ކާމިޔާބުކޮށްގެންނެވެ. ޚުޝްރުވާން މި ހީޓު ކާމިޔާބުކުރީ މުޅިއެކު 10.84 ސްކޯކޮށްގެންނެވެ. މި ހީޓުގެ ދެވަނަ އަށް ދިޔަ ނޫހް މުހައްމަދު ދުނައިމް އިރުޝާދު ވަނީ 10.57 ސްކޯކޮށްފައެވެ.
ޚުޝްރުވާންއާއެކު ކުއާޓާގެ ތިންވަނަ ހީޓުގައި ވާދަކުރާނީ ހަތަރުވަނަ ބުރުގެ ފަހު ހީޓުން ދެވަނަ ހޯދި އަލީ ޖާވިދުއެވެ. ހަތަރުވަނަ ބުރުގެ ފަހު ހީޓުން އެއްވަނަ ހޯދީ އަޝްރަފެވެ. މި ހީޓުގައި އަޝްރަފް ވަނީ މުޅިއެކު 12.34 ސްކޯކޮށްފައެވެ. ޖާވިދަށް ސްކޯކުރެވުނީ 11.16 ގައެވެ.
މި ނަތީޖާތަކާއެކު ކުއާޓާ ފައިނަލުގެ ފަހު ހީޓުގައި ވާދަކުރާނީ އަޝްރަފް އާއި ނޫހެވެ.