ކުޅިވަރު

ރަންދާ ބޮޑީބޯޑިންގ ޗެލެންޖް ތުލުސްދޫގައި


  • މިއީ މާލެއިން ބޭރުގައި ބޮޑީބޯޑިން ލީގުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު

  • އެމްބީބީއޭއިން މި ފަހުން ވަނީ މޯލްޑިވްސް ޕްރޯ ކ. ތުލުސްދޫގައި ބާއްވާފައި

ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތެއް ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ކުރިއަށް ގެންދަން ނިންމާ ކ. ތުލުސްދޫގެ ރަންދާ ރާޅުގަނޑުގައި "ރަންދާ ބޮޑީބޯޑިން ޗެލެންޖް" ގެ ނަމުގައި ފަށައިފިއެވެ.

މިއީ ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތެއް މާލޭ ވަރުނުލާ ރާޅުގަނޑު ނޫން ތަނެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ވަނީ އެ އެސޯސިއޭޝަންގެ މުބާރާތްތައް މާލެއިން ބޭރުގައި ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެކަމަކު، އެ ފަހަރު ދިމާވި އެކިއެކި ގޮންޖެހުންތަކާއެކު އެކަން އެގޮތައް ކުރިއަށް ނުދިޔައީއެވެ.

އެމްބީބީއޭއިން ވަނީ މި ފަހުން މާލެއިން ބޭރުގައި އައިބީސީ މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޕްރޯ ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުގައި ވެސް ރާއްޖޭގެ 12 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތްވެސް ކުރިއަށް ގެންގޮސްފައިވަނީ ކ. ތުލުސްދޫގައެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް ރަންދާ ބޮޑީބޯޑިން ޗެލެންޖުގައި ތިން ކެޓަގަރީއަކުން އެތުލީޓުން ވާދަކުރާނެއެވެ. އެއީ މެންސް އޯޕަން، ޖޫނިއާ އޯޕަން އަދި ޑްރޮޕްނީ ކެޓަގަރީއެވެ. މެންސް އޯޕަންގައި 14 އެތުލީޓުން ވާދަކުރާއިރު، ޖޫނިއާ މެންސްގައި 4 އެތުލީޓުން ވާދަކުރާނެއެވެ. އަދި ޑްރޮޕްނީ ކެޓަގަރީގައި 6 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 24 އިން 26 އަށެވެ. މިއީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތެވެ.