ޚަބަރު

ސިޓީން ފަހަތުންއަރާ ބޯންމަތުގެ މައްޗަށް ކުރި ހޯދައިފި


  • ސިޓިއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު 1 ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ބޯންމަތު ބައްދަލުކުރި މެޗު ފަހަތުން އަރާ ސިޓީ ކާމިޔާބު ކޮށް އާސީޒަންގެ ފެށުން އެޓީމުން ރަނގަޅު ކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗުގައި ސިޓީއިން ފަށާފައިވަނީ އާންމުކޮށް ޑިފެންސުން ފެންނަ 6 ކުޅުންތެރިޔަކު ފުރަތަމަ އެގާރައިގާ ހިމަނައިގެންނެވެ. މިގޮތުން މިސީޒަންގައި ސިޓީއަށް އަލަށް ގެނައި އެލިއޮޓް އެންޑަރސަންއާއެކު މާކް ގޭހީ ފެނުނީ ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލް އަދާކުރަމުންދިޔަ ތަނެވެ. އަދި ނީކޯ އޯރައިލީ ފެނުނީ އާލިންގެ ހާލަންޑުގެ ފަހަތުން ކުރިއަށް ކުޅެމުންދިޔަ ތަނެވެ. މީގެއިތުރުން ހާލަންޑުގެ ދިގު އިސްތަށިގަނޑު ކޮށާލާފައިވުންވެސް ވީ، ބޮޑު ބަދަލަކަށެވެ. މިބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ނަމަވެސް މެޗު ކާމިޔާބީއަކާއެކު ނިންމާލުމުން މިކަމަށް ސުވާލު އުފައްދާނެ މީހުން މަދުވާނެއެވެ.

ނަމަވެސް މިމެޗުގެ ފެށުން ދިޔައީ ސިޓީ އާއި އެޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި އެންޒޯ މަރެސްކާ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ބޯންމަތުންވަނީ ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެވަނީލްސަން ތަނަވަސްކޮށްދިން ފުރުސަތެެއްގައި ކާމިޔާބު ކޮށްދީފައިވަނީ މާކަސް ޓެވެނިއަރއެވެ. މިލަނޑު ޖެހުމުގެ ކުރިން ސިޓީއަށް ލީޑު ނަގައިދޭނެ ރަނގަޅު ފުރުސަތެއް ހާލަންޑަށް ލިބިގެންދިޔަކަން ފާހަގަ ވިއެވެ. އަދި މިލަނޑާއެކު ސިޓީގެ ސަޕޯޓަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވިއިރު މެޗުގެ ނިމެން 6 މިނެޓަށް ވީއިރުވެސް މިކަމަށް ހައްލެއް ނައިސް ދިއުމުން ނާކާމިޔާބީ އަކާއެކު ސިޓީ ސީޒަން ފަށާފާނެކަމަށް ހީވިއެވެ.

މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ގޭހީއެވެ. މިލަނޑާއެކު އިތުރު ހިތްވަރަކާއެކު ކުޅެމުންދިޔަ ސިޓީއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޔޮސްކޯ ގުވަޑިއޯލް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑު އެންމެ ފުރަތަމަ އޮސް ސައިޑް ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު މިލަނޑު ވަނީ ރެފްރީ ބަލައިގެންފައެވެ.

މިކާމިޔާބީ އާއެކު ސިޓީގެ ކޯޗު މަރެސްކާއަށް އޮތް ޕްރެޝަރު ކޮންމެވެސް ވަރަކަށް ކުޑަވާނެމަށް ބެލެވެއެވެ. ސިޓީގެ ތަޖްރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ ޓީމު ދޫކޮށް ދިއުމުން 2013 ވަނަ އަހަރު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމުން ސަރ އެލެކްސް ފާގަސަން ވަކިވުމުން އެޓީމަށް ވެގެންދިޔަ ގޮތް ވެދާނެކަމަށް ދެކޭ ފަރާތްތަށް މަދެއް ނޫނެވެ. އަދި މިހާތަނަށް ސިޓީގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަލާއިރު އެޓީމުން ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހެއެވެ. އަދި ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަންވެސް ފާހަގަވެއެވެ.