ޚަބަރު

ސިންސިނާޓީ އޯޕަންގެ ޗެމްޕިއަންކަން ފިލްސް ހޯދައިފި


  • ފިލްސް ފައިނަލް މެޗު ކާމިޔާބު ކުރީ ޓިއަފޯ އާއި ބައްދަލުކޮށް 2 ސެޓު 1 ސެޓުން

އެމެރިކާގެ އޮހާޔޯގައި ކުރިއަށްދިޔަ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ފަރަންސޭސިވިލާތުގެ އާތަރ ފިލްސް ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގައި 21 ވަނައަށް ސީޑު ކުރެވިފައިވާ ފިލްސް މި މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި 17 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރަންސެސް ޓިއަފޯ ދެ ސެޓް އެއް ސެޓުން ބަލިކޮށްގެންނެވެ. މިމެޗު ފިލްސް ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން ފުރަތަމަ ސެޓުގެ ކުރީކޮޅު ބްރޭކެއް ހޯދާ ތިން ގޭމްގެ ލީޑެއް އޭނާ ނެގިއެވެ. މިމެޗުގައި ފިލްސްގެ ބާރު ސާރވްތަކަށް ޓިއަފޯއަށް އެއްވެސް ހައްލެއް ހޯދުނު ތަނެއް ނުފެނުނެވެ. ނަތީޖާ އަކަށް ވީ ފުރަތަމަ ސެޓު ހައެއް ތިނަކުން ފިލްސް ކާމިޔާބު ކުރުމެވެ.

ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި ފެނުނީ ތަފާތު މަންޒަރެކެވެ. މިގޮތުން ޓިއަފޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފިލްސްއަށް މިސެޓުގައި އެއްވެސް ވަރަކަށް ކުޅެވުނު ތަނެއް ނުފެނުނެވެ. މިސެޓުގައި ޓިއަފޯ ތިން ގޭމުގެ ލީޑެއް ނަގައި، އެގޮތުގައި ގޮސް އެކެއް ހަޔެއްގެ ފަސޭހަ ނަތީޖާ އަކުން ދެވަނަ ސެޓު ކާމިޔާބު ކޮށް ތިންވަނަ ސެޓަކަށް މެޗު ގެންދިޔައެވެ. މިމެޗުގެ ފަހު ސެޓު ވީ އަނެއްކާވެސް ތަފާތު މަންޒަރެއް ކުޅިބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ ސެޓަކަށެވެ. މިގޮތުން ފިލްސްގެ ފަރާތުން ފުރަތަމަ ސެޓުގައި ފެނުނު މޮޅު ކުޅުން ފެނިގެންދިޔައިރު ޓިއަފޯ އަށް އެއްވެސް ކަމެއް ކުރެވުނު ތަނެއް ފެނިގެން ނުދިޔައެވެ. މިސެޓު ފިލްސް ކާމިޔާބު ކޮށްފައިވަނީ ހައެއް ސުމަކުންނެވެ.

މިކާމިޔާބީއާއެކު ފިލްސް މިވަނީ އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންއަށް ތައްޔާރު ވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އޭޓީޕީ މާސްޓަރސް 1000ގެ މުބާރާތެއް ފިލްސްއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.