ޚަބަރު

ރައީސް ޔާމީންއަށް ޕީޕީއެމްގެ ފުރިހަމަ ތާއީދު އޮންނާނެ- ޕީޕީއެމް


ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އޮންނާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ. 

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ މެމްބަރުން ތަހުނިޔާ ދަންނަވާ ނެރުނު ބަޔާނުގައި ޕީޕީއެމްގެ ކައުންސިލާ، ޕާޓީގެ ޕީޖީ ގުރޫޕާއި ހުރިހާ ކޮމިޓީތަކުގެ ފުރިހަމަ ތާއީދު ސަރުކާރާއެކުވާކަމަށް ބުނެފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި ޕާޓީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަންދެއްވާކަމަށް މިބަޔާނުގައިވެއެވެ. 

img:http://s4.psmnews.mv/images/660x400/14778118085144.jpg|"ރައީސް ޔާމިން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ބަޔާނުގައި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޕީޕީއެމްއިން ރާއްޖޭގައި ބޭއްވި 90 އިންސައްތައަށް ވުރެ ގިނަ އިންތިޚާބު ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށް، އެއީ ޕާޓީގެ އާއްމު މެމްބަރުން ކުރި ބުރަ މަސައްކަތުންނާއި ރައްޔިތުންގެ އިތުބާރުން ލިބުނު ކާމިޔާބީއެއްކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ. އަދި މިކާމިޔާބީތަކަކީ ޕާޓީގެ އުފެއްދުމުގައި އެންމެ ފުރަތަމަ އަމަލީގޮތުން މަސައްކަތްޕުޅު އެންމެ ފުރަތަމަ ފެއްޓެވި ޕާޓީގެ މުސްތަޝާތު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ބުރަ މަސައްކަތުން ލިބިވަޑައިގެންނެވި ކާމިޔާބީތަކެއްކަން ޕީޕީއެމްއިން ފާހަގަކުރެއެވެ.