ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހުޅުމާލޭގެ ބޮޑު މިސްކިތް ވާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ. އަދި މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިސްކިތުގެ ބިންގާ އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އެ މިސްކިތް ވާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި އިމާންތެރިކަމާއި އިލްމާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ ތަރިކައަކަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ. މި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހި ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި މިސްކިތުގެ މަސައްކަތް އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައެވެ. މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދު ކުރާނެ ޖާގައިގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނެއެވެ.