ބެޑްމިންޓަން މެޗުތަކުގެ ދިގުމިން 21 އިން 15 ޕޮއިންޓަށް މިއަންނަ އަހަރުން ފެށިގެން ކުޑަކުރަން ބެޑްމިންޓަންގެ މައި ޖަމްއިއްޔާ ކަމަށްވާ ބީ.ޑަބްލިޔު.އެފް. އިން ނިންމައި އެކަން ދިފާއުކޮށް ވާހަކަ ދައްކައިފިއެވެ.
ބީ.ޑަބްލިޔު.އެފް. ގެ ޖެނެރަލް ސެކްރެޓަރީ ތޯމަސް ލުންޑް ބުނީ ބެޑްމިންޓަން ކުޅޭ ކުޅުންތެރިންނާއި މެދު ވިސްނުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށާއި އެގޮތުން މެޗުގެ ދިގުމިން 21 އިން 15 ޕޮއިންޓަށް ކުޑަ ކުރުމަކީ ކުޅުންތެރިންނަށް ދިމާވާ އަނިޔާތައް މަދުކުރުމުގެ ވިސްނުމުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ލުންޑް ބުނީ ފަހަކަށް އައިސް މޮޅެތި ކުޅުންތެރިންގެ މެދުގައި ކުޅޭ ގިނަ މެޗުތައް ވަރަށް ގިނަ އިރަށް ދެމިގެންދާ ކަމަށާއި އެކަމުގެ ސަބަބުން މުޅި އަހަރުގެ ސީޒަނަށް ބަލާއިރު ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށް އަނިޔާގެ މައްސަލަތައް ދިމާވުން އިތުރު ވެގެންދާ ކަމަށެވެ. އަދި މިގޮތުން މިހާރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުޅެމުންދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް މިފަދަ ގިނަ މެޗުތައް ފެންނަކަމަށް އޭނާ ފާހަގަ ކުރިއެވެ. މިގެންނަ ބަދަލުގެ ސަބަބުން ކުޅުންތެރިންނަށް އެކަމުން ކުރާ އަސަރު ކުޑަވުމަށް އެހީތެރިވާނެކަމަށް އޭނާ ބުންޏެވެ. ލުންޑް ބުނީ މިކަމުގެ ސަބަބުން ގިނަ ކުޅުންތެރިންނަށް ބެޑްމިންޓަންގައި ދިގު ކެރިއަރއެއް ބިނާކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އޭނާ ބުނީ ފަސް ވަރަކަށް އަހަރު ވަރަށް މޮޅަށް ކުޅުމަށްފަހު އަނިޔާގެ ސަބަބުން ކުޅުން ހުއްޓާލުމަކީ އެފަރާތުން ބޭނުންވާ ގޮތް ނޫން ކަމަށާއި ބޭނުންވަނީ އެމޮޅުކަންމަތީ އެކުޅުންތެރިން ގިނަ އަހަރު ތަކެއް ވަންދެން ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ކަމަށެވެ.
ނިއުދިއްލީގައި ކުރިއަށްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ އެންޑަރސް އެންޓޮންސެން އާއި އަޔަލަންޑްގެ އެންހަތު އެންގުޔެން ބައްދަލުކުރި މެޗުވަނީ އެއް ގަޑިއިރާއި 42 މިނެޓަށް ދިގުދެމިގެން ގޮސްފައެވެ. މިމެޗަށްފަހު ވާހަކަ ދައްކަމުން އެންޓޮންސެން ބުނީ މެޗުގެ ދިގުމިނަށް ބަދަލު ގެނައުމުގެ ކަންތަކުގައި އޭނާގެ ހިޔާލު ދެކޮޅަށްވެސް ބުރަވެވޭކަމަށެވެ. މިގޮތުން 21 ޕޮއިންޓަށް ތިން ސެޓް ކުޅެން ޖެހި މިގޮތަށް ދިގުލައިގެންދާ މެޗުތަކުގެ ސަބަބުން ކުޅުންތެރިޔާއަށް ޖިސްމާނީ އަދި ނަފްސާނީގޮތުން ކުރާ އަސަރަށް ބަލާއިރު ބީ.ޑަބްލިޔު.އެފް.ގެ ނިންމުމަށް ތާއީދު ކުރެވޭ ކަމަށެވެ. ނަމަވެސް 15 ޕޮއިންޓަށް މަދު ކުރުމުން މިކަހަލަ މެޗުތަކެއް ފެނިގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ދެފަހަރަށް އޮލިމްޕިކް މެޑަލް ހާސިލްކޮށްފައިވާ އިންޑިއާގެ އަންހެން ކުޅުންތެރިޔާ ޕީވީ ސިންދޫ ބުނީ މިގެންނަ ބަދަލުގެ ސަބަބުން މެޗުތަކުގެ ފޯރި އިތުރަށް ގަދަވާނެކަމަށެވެ. އޭނާ ބުނީ މިހާރުގެ ފޯމެޓަށް ކުޅޭއިރު ފަސް ވަރަކަށް ޕޮއިންޓް އިދިކޮޅު ކުޅުންތެރިޔާއަށް ދިނުމަށްފަހު ޖެހިގެން އަންނަ ފަސް ޕޮއިންޓު ހޯދުމަށް ވިސްނައިގެން ކުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެއިރަށް ޖެހޭނީ ފުރަތަމަ ޕޮއިންޓުން ފެށިގެން ކޮންމެ ޕޮއިންޓަކަށްވެސް ވަރަށް ވިސްނައިގެން ކުޅެން ކަމަށެވެ.
މީގެއިތުރުން މިއަންނަ އަހަރު 30 އަހަރު ފުރޭ މެލޭޝިއާގެ އާރޮން ޗިއާ ބުނީ އޭނާ ކަހަލަ އުމުރުން ދުވަސް ވަމުން އަންނަ ކުޅުންތެރިންނަށް މި އާ ފޯމެޓްގެ ސަބަބުން ފައިދާ ކުރާނެ ކަމަށާއި އެހެން ކަމުން އެނިންމުމަށް އޭނާ މަރްހަބާ ކިޔާ ކަމަށެވެ. އޭނާ ބުނީ މިހާރު 30 އަހަރު ފުރެނީ ކަމަށާއި އެހެން ކަމުން ކުރު ފޯމެޓަކަށް ކުޅޭނަމަ އެއުމުރުގެ ކުޅުންތެރިންނަށް އެކަމުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ރަނގަޅު ވާދައެއް ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.