ވިޔަފާރި

ބީއެމްއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ


ބީއެމްއެލްއިން 150 އަށްވުރެ ގިނަ އާ ވަޒީފާ އުފައްދައި، މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރަން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ޚިދުމަތް ތަރައްޤީކޮށް މުޅިރާއްޖެއަށް އެ ބޭންކްގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 12 މަސްދުވަސް ތެރޭގައި 150 އަށްވުރެ ގިނަ އާ ވަޒީފާ އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ. މީގެ ތެރެއިން ދެބައި ކުޅަ އެއްބައި ވަޒީފާ އަތޮޅުތަކަށް ކަނޑައަޅާފައިވާއިރު، ބާކީ ވަޒީފާތައް ކަނޑައަޅާފައިވަނީ މާލެ ސަރަހައްދަށެވެ. މިއާއެކު ބޭންކުގެ މުވައްޒަފުންގެ އަދަދު 850 އިން 1000 އަށް އިތުރުވެގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ތަރައްގީކޮށް މުޅިރާއްޖެއަށް އެ ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑުރޫ ހީލީ ވިދާޅުވީ އެބޭންކުގެ އިތުރު ހަތް ބުރާންޗް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު ބޭންކުގެ ބްރާންޗްތަކުގެ އަދަދު 29 އިން 36 އަށް އަރާނެ ކަން އެންޑުރޫ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14778062190219.jpg|ބެންކް އޮފް މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ބީއެމްއެލުން އައްޑޫ ސިޓީގައި ހުޅުވާ އައު ކޮންޓެކްޓް ސެންޓަރާއި، މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަސްޓަމަރ ސަރވިސް ސެންޓަރުގެ ސަބަބުން އެސަރަޙައްދުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބީ.އެމް.އެލްއިން ޤަބޫލުކުރެއެވެ. މިބައްދަލުވުމުގައި ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ މުޖުތަމަޢުގެ ފައިދާއާއި ލާބައަށް ބޭންކް އޮފް މޯލްޑިވްސްއިން އަލަށް 10 ސީއެސްއާރު ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮޖެކްޓްތަކާއެކު މުޖުތަމައަށް ކުރާ އިންވެސްޓްމަންޓްގެ މިންވަރު ދެގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

ބީ.އެމް.އެލްއިން މުޅިރާއްޖެ ހިމެނޭގޮތަށް ހިންގަން ކަނޑައަޅާފައިވާ 10 ސީއެސްއާރު ޕްރޮޖެކްޓް އަމާޒުކޮށްފައި ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށާއި، ތައުލީމީ، ކުޅިވަރު، އަދި ތިމާވެއްޓާ ގުޅޭ ހަރަކާތްތަކަށެވެ. މިމަޝްރޫޢުތަކަށް ކުރިއަށް އޮތް އަހަރެއްހާ ދުވަހު ތެރޭގައި ބޭންކުން 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެކަމަށް ލަފާކުރެވޭކަމަށް ބީ.އެމް.އެލުން މަޢުލޫމާތުދެއެވެ.

މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބޭންކު އޮފް މޯލްޑިވްސްއުން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމްގެ އިތުރުން 16ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ބޭންކިންގެ ޚިދުމަތް ދެމުންނެވެ.