އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. އެގޮތުން މިއަދު އެކުންފުނިން ވަނީ ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެކުންފުނިން ގެނެސްފައިވާ ބައެއް ބަދަލުތައް ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެއަރޕޯޓުގެ ހިންގުން ހަރުދަނާކޮށް، އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކުންފުނިން މިހާރު ވަނީ އެއަރޕޯޓުން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އެއް ސަރަޙައްދު ކަމަށްވާ ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މި މަޝްރޫޢާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، އަލަށް މި އިފްތިތާޙު ކުރެވުނު މަޝްރޫޢާއެކު، ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ޑޮމެސްޓިކް ޓަރމިނަލަށް މިހާރުވެސް ބައެއް ބަދަލުތައް ގެންނަވާފައިވާކަން ފާހަގަކުރައްވަމުން ޢާދިލް ވިދާޅުވީ، ޑޮމެސްޓިކް ޓަރމިނަލްގެ ޑިޕާޗަރ އޭރިއާ ކުރިއަށްވުރެ ބޮޑުކޮށް، ވެއިޓިންގ އޭރިއާގެ ޖާގަވެސް އިތުރު ކުރައްވާފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ކަންކަންވެސް ކުރިއަށްވުރެ ހަރުދަނާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14778449469479.jpg|އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ - ފޮޓޯ: ޕީއެސްއެމް
"ޑޮމެސްޓިކް ޓަރމިނަލްގެ ޑިޕާރޗަރ ހޯލްޑިންގ ގޭޓުގައި ކުރިން 90 ވަރަކަށް ޕަސެންޖަރުންނަށް ޚިދުމަތް ދެވެނީ. މި މަޝްރޫޢުގެ ދަށުން މިގެނެވުނު ބަދަލާއިއެކު އިތު 70 ސީޓް މިވަނީ އިތުރުކުރެވިފައި. ހަމައެއާއެކު ޕަސެންޖަރުން ވަންނައިރު މި އިންނަ ވެއިޓިންގ އޭރިއާގައިވެސް މިވަނީ 50 ސީޓުގެ ގޮނޑިޖެހިފައި. އަދި ސެކިއުރިޓީ ޗެކިންގ އޭރިއާގައި ކުރީގައި ވަރަށް ބާރު ބޮޑުކޮށް ޚިދުމަތް ދެވެމުންދިޔައީ. ނަމަވެސް މިހާރު މިވަނީ ދެ މެޝިން އޮޕަރޭޓްކުރާގޮތަށް މިވަނީ ހަމަޖެހިފައި" ޢާދިލް ވިދާޅުވިއެވެ.
ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރެއްވުމުގެ މަޝްރޫޢާއި ގުޅޭ އިތުރު މަޢުލޫމާތު ދެއްވަމުން ޢާދިލް ވިދާޅުވީ، ޑޮމެސްޓިކް ޓަރމިނަލްގައި ހިލޭ ވައިފައި ބޭނުން ކުރެވޭނެ ގޮތް މިހާރު ހައްދަވާދެއްވާފައިވާ ކަމަށް ޢާދިލް ވިދާޅުވިއެވެ. އަދި ލަގެޖް ބެލްޓް މިހާރަށްވުރެ ބޮޑުކޮށް، ވިހާވެސް ގިނަ ޑޮމެސްޓިކް ފްލައިޓްތަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
"ޚިދުމަތްތައް ތަރައްޤީކުރެއްވުމަށް ކުރާ މަސައްކަތުގެ ދަށުން ޑޮމެސްޓިކް ޓަރމިނަލުން މިހާރު ހިލޭ ވައިފައި ލިބޭނެ. މިހާހިސާބުން އަދި ނިމުނީކީއެއް ނޫން. އަޅުގަނޑުމެން މިއަހަރު ތެރޭ ފެށުމަށް ތައްޔާރުވަމުން މިދަނީ މިހާރު ބޭނުންކުރަމުންދާ ލަގެޖް ބެލްޓުވެސް އިތުރުކޮށް، އިތުރު ފްލައިޓްތަކަށް އެއްފަހަރާ ޚިދުމަތް ދިނުމަށް. ހަމައެހެންމެ ފާޚަނާތައްވެސް އިތުރުކުރެވިގެންދާނެ" ޢާދިލް ވިދާޅުވިއެވެ.
އެއަރޕޯޓުގައި ޑޮމެސްޓިކް ފްލައިޓްތަކަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ޢާދިލް ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، މިހާރު ބޭނުންކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލް ބަދަލުވެގެންދާނީ ޑޮމެސްޓިކް ޓަރމިނަލަށް ކަމަށެވެ. އެއާއެކު ޑޮމެސްޓިކް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޢާދިލް ވިދާޅުވިއެވެ.
"ޑޮމެސްޓިކް ޓަރމިނަލްއަކީ މިހާރުވެސް ޖާގައިގެގޮތުން ބަލާނަމަ ވަރަށް ދަތިތަނެއް. އެހެންނަމަވެސް ކުރިއަށްއޮތްތަނުގައި އާ އިންޓަރނޭޝަނަލް ޓަރމިނަލްގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލް ޑޮމެސްޓިކް ޓަރމިނަލަކަށް ބަދަލުވެގެންދާނެ. އޭރުން ޑޮމެސްޓިކް ޓަރމިނަލްވެސް ވެގެންދާނީ ޖާގައިގެ ގޮތުން ތަނަވަސް، ޚިދުމަތުގެ ގޮތުންވެސް ކުރިއަރާފައިވާ ޓަރމިނަލަކަށް" ޢާދިލް ވިދާޅުވިއެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ދަށުން، ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށާފައިވާއިރު، ހަމަ މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއަރޕޯޓް އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރިއަށެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ ބިޔަ މަޝްރޫޢަކީ ދައުލަތުން 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވައިގެން ހިންގަވާ، ރާއްޖޭގެ ޢިޤްތިޞާދީ ތަރައްޤީއާއި ވަރަށް ބޮޑަށްވެސް ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެެ.