ޚަބަރު

"ބޭފުޅަކު ތާޢީދު ގެންދެވިޔަސް ތަރައްޤީއަށް ހީނަރުކަމެއް ނާންނާނެ"


މިސަރުކާރު ދެމިއޮންނަނީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ކަމަށާ، ވަކި ބޭފުޅަކު މި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަކުން ނުވަތަ ނުގެންދެވުމަކުން މި ސަރުކާރުން މުޅި ރާއްޖެއަށް ގެނެސްދޭ ތަރަގްޤީ އަށް ހީނަރު ކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ މުއާޒް ޓްވިޓަރ މެދުވެރިކުރައްވައި ވިދާޅުވީ، މި ސަރުކާރަކީ ވަކި ފަރުދަކު، ބުނާ ގޮތަކަށް ވަކި ފަރުދަކަށް ފައިދާވާނެގޮތަކަށް ހިންގަމުންދާ ސަރުކާރެއް ނޫންކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް ކަންކަން ކުރަމުން ދާނީ އެންމެހައި ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށާ، ކަންކަން ކުރެވޭނީ އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިންކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ވަކި ބޭފުޅަކު ބޭނުންހާ ގޮތަކަށް ސަރުކާރު ހިންގަންވާނެކަމަށް ދެކިވަޑައިގެން ބޭނުފުޅުވީހާކަމެއް ސަރުކާރުގެތެރެއިން ހާސިލު ނުވުމުން، ސަރުކާރަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، ނުވަތަ ކުރެއްވި ތާއީދު އަނބުރާ ގެންދަވައި މި ސަރުކާރުގެ ބޮލުގައި އެކި އިލްޒައަމުތައް އަޅުއްވައި، ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގަތް ނަމަވެސް މި ސަރުކާރުން ގަބޫލްކުރައްވާ ހަމައާއި އުސޫލުތަކަކަށް ބަދަލެއް ނާންނާނެކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އަދި މި ސަރުކާރު އަބަދުވެސް ހިންގަމުން ދާނީ ޤައުމާއި ރައިތުންގެ ތަރައްޤީ އިސްކޮށްގެން ކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

މިރޭ ސަރުކާރުގެ ތަރުޖަމާނު ކުރައްވާފައިވާ ޓްވީޓުތަކެއްގައިވަނީ އެންމެހައި ރައިތުންގެ ތަރައްޤީއަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތަށް ޖާގަދެއްވުމަށް ކުރީގެ ރައީސުންނާއި އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރާ އިލްތިމާސްކުރައްވާކަމަށެވެ.