ރިޕޯޓް

"މައުމޫން އުޅުއްވަނީ ޢާއިލާއަށް ސިޔާސީ ބާރު ހޯއްދެވުމަށް"


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި، އެމަނިކުފާނު މަސައްކަތް އެކުރައްވަނީ އެމަނިކުފާނުގެ ޢާއިލާއަށް ސިޔާސީ ގޮތުން ބާރު ހޯއްދެވުމަށްކަމަށް ދައުލަތައް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަލްއުސްތާޛް އަލްމަރްޙޫމް ޢަބްދުﷲ ޙަމީދުގެ ދަރިކަނބަލުން ޑރ. ހާލާ ޙަމީދު ވިދާޅުވެއްޖެއެވެ. 

ޑރ. ހާލާ ހަމީދު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. 

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނަވައި، ޕީޕީއެމްގެ ސަރުކާރަށް ތާއީދު ނުކުރައްވާކަން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އިޢުލާނު ކުރައްވާފައެވެ. ރައީސް މައުމޫންގެ މި ނިންމެވުމަކީ ސިޔާސީ ގޮތުން ދެކޮޅުޖެހޭ ނިންމެވުމެއް ކަމާމެދު ސިޔާސީ ބައެއް ފަރާތްތަކުންވަނީ ސުވާލުއުފައްދާފައެވެ. ސަބަބަކީ ވެރިކަންކުރާ ޕާޓީއެއްގެ ރައީސަކަށް ހުންނަވައި، ޚުދު އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ނުކުރައްވާކަން އިޢުލާނުކުރެއްވުމާއެކު ޕީޕީއެމްގެ ފިކުރުން ޚުދު ރައީސް މައުމޫންވެސް ބޭރުވެވަޑައިގެންފައިވާތީއެވެ. 

ސިޔާސީ ޕާޓީއެއްގެ އަމާޒަކީ ވެރިކަމާ ހަމައަށް ވާޞިލުވެ އެޕާޓީގެ ފިކުރުތަކާއި އުސޫލުތައް ދެމެހެއްޓުންކަމުގައިވާއިރު ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޛުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާ މިދަނޑިވަޅުގައި ރައީސް މައުމޫންގެ މިނިންމެވުމުގެ ސީދާ މަޤްޞަދު ސާފުވެފައެއްނުވެއެވެ. އަދި މިއީ ސިޔާސީ ގޮތުން ކިހާ ބުރަދަނެއްހުރި ނިންމެވުމެއްކަމެއްވެސް ސާފެއްނުވެއެވެ. 

ރައީސް މައުމޫންގެ މި ނިންމެވުމާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުން އެމަނިކުފާނަށް އެކިކަހަލަ ފާޑުކިއުންތައް އަމާޒުކުރައްވަމުން ގެންދަވާއިރު، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި، ރައީސް މައުމޫންގެ ކޮއްކޯފުޅު އަލްއުސްތާޛް އަލްމަރުޙޫމް ޢަބްދުﷲ ޙަމީދުގެ ދަރިކަނބަލުން ޑރ. ހާލާ ހަމީދުވަނީ ރައީސް މައުމޫންގެ ނިންމެވުމާމެދު ނުރުހުން ފާޅުކުރައްވާފައެވެ. ޑރ. ހާލާ ޙަމީދަކީ ރައީސް މައުމޫނަށާއި ރައީސް ޔާމީނަށްވެސް ބޮޑުބޭބެ ވިދާޅުވާ ބޭކަނބަލެކެވެ. 

ޑރ. ހާލާ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓްގައި އަލްއުސްތާޛް ޢަބްދުﷲ ޙަމީދު ރައީސް މައުމޫންގެ ކެބިނެޓުން ވަކިކުރައްވަން ރައީސް މައުމޫން ނިންމެވި ދުވަހު ޢަބްދުﷲ ޙަމީދު ދެއްކެވި ރިވެތި ނަމޫނާ ހަނދާނަށް ގެންނަވާފައިވެއެވެ. އެގޮތުން ޒުވާން ބޭބޭފުޅުންނަށް ކެބިނެޓުން ޖާގަދެއްވުމަށްކަމަށް ވިދާޅުވެ އެމަނިކުފާނު ކެބިނެޓްގެ ވަޒީރުކަމުން ވަކިކުރައްވަން ރައީސް މައުމޫން ނިންމެވުމުން އެކަން ބައްޕާފުޅު ހެޔޮހިތުން ބަލައިގަނެ ރިވެތި ގޮތުގައި އެއްފަރާތަށް ޖެހިވަޑައިގެންނެވިކަމަށް ޙާލާ ޙަމީދު ވިދާޅުވިއެވެ. އަދި މިއީ ރައީސް މައުމޫންވެސް ރައީސް ޔާމީންގެ ލީޑަރޝިޕަށް އިޙްތިރާމް ކުރައްވައި އެއްފަރާތަށް ޖެހިވަޑައިގަންނަވަންވީ ވަގުތު ކަމުގައި ޙާލާ ފާހަގަކުރައްވާފައިވެއެވެ. 

ރައީސް މައުމޫންގެ މަޤްޞަދަކީ ރައްޔިތުންނަށް ފައިދާތަކެއް ހޯއްދަވައިދެއްވުން ނޫންކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް އާރާއި ބާރު ހޯއްދަވައިދެއްވުމަށްކަމަށް ޑރ. ހާލާ ޙަމީދު ތުހުމަތުކުރައްވާފައިވެއެވެ. އަދި ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ވެރިޔަކީ ރައީސް ޔާމީންކަމުގައި ޤަބޫލުކުރައްވައި ރައީސް މައުމޫނަކީ މިހާރު ރައީސުލްޖުމްހޫރިއްޔާ ނޫންކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވަން ޖެހޭކަމަށް ވެސް ޑރ. ހާލާ ވިދާޅުވެފައިވެއެވެ. ޑރ. ހާލާ ޙަމީދަކީ ރައީސް މައުމޫންގެ ވެރިކަމުގައިވެސް 18 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭކަނބަލެކެވެ.

ރައީސް މައުމޫން އަކީ ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވާއިރު ދިވެހި އެންމެހައި ރައްޔިތުން އެޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ. އެހެންނަމަވެސް ދިވެހި ޤައުމު މިހާރު ބޭނުންވަނީ އާ ލީޑަރޝިޕަކާއި، ސިޔާސީ މުސްތަޤްބަލު ޒުވާނުން ބޭނުންވާގޮތަށް ބައްޓަންކުރާށެވެ. ރައީސް މައުމޫނާއެކު އެމަނިކުފާނުގެ ދަރިކަލުންނާއި ދަރިކަނބަލުން އިސް ސަފުގައި މަސައްކަތް ކުރައްވައި ސިޔާސީ ގޮތުން އެބޭފުޅުން ބާރުވެރިކުރުވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ހަޤީޤަތުގައިވެސް ރައީސް މައުމޫން ސިޔާސީ ގޮތުން ނިންމަވާ ނިންމެވުންތަކުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭކަމެކެވެ. 

އަދި އަސްލު ޕީޕީއެމްކީ އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތައް ކަމަށް ވިދާޅުވަމުންދާއިރު ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނަވައި ޕީޕީއެމްގެ ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވާ ވިދާޅުވުމަކީ ސިޔާސީ ގޮތުން ދެކޮޅުޖެހޭ ވާހަކައެއްނޫންކަމަށް ސިޔާސީ ގިނަ ފަރާތްތަކުންދަނީ ބުނަމުންނެވެ. ޕީޕީއެމްގެ ރައީސްގެ ޙައިޞިއްޔަތުން އެމަނިކުފާނުގެ މައިގަނޑު މަސްޢޫލިއްޔަތަކީ ސަރުކާރު ބާރުވެރި ކުރުވައި، ދިފާޢު ކުރެއްވުން ކަމަށްވީއިރު، މިހާރު ފެންނަނީ އެއާ ކަނޑައެޅިގެން އިދިކޮޅަށް އެމަނިކުފާނުގެ ސިޔާސަތުތައް ނިންމަވަމުންދާތަނެވެ. 

ޑރ. ޙާލާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫންގެ ހުރިހާ ބޭފުޅުންނަށްވެސް މަޤާމްތައް ޙަވާލުކުރެއްވި ކަމަށާއި، އެބޭފުޅުން މަޤާމުން ދުރުވެވަޑައިގަތުމަކީ ތަފާތުކަމެއް ކަމަށެވެ. އަދި އެކަމަނާ ރައީސް މައުމޫން އަރިހުގައި  ކުރިން މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނެވި ގޮތަށް މިހާރު ރައީސް ޔާމީންއަރިހުގައިވެސް ދެމިހުންނަވާނެ ކަމަށް، މިހާރު ޕީޕީއެމްގެ އެތެރޭގައި އުފެދިގެން އުޅޭ މައްސަލަތަކާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ލިޔުއްވާފައިވެއެވެ. 

އެކަމަނާގެ މި ލިޔުއްވުމުން ދޭހަވަނީ މިއީ ވަކި ފަރާތަކަށް ފައިދާތަކެއް ހޯދައިދީ، ވަކިމީހަކު ބޭނުންވާގޮތުން ވެރިކަން ބައްޓަންކުރެއްވުމުގެ ބަދަލުގައި އައު ޒުވާން ޖީލަށް ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގެ ފުރުޞަތު ދޭންވީ ވަޤުތުކަމެވެ. މިއީ އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު ދެއްކެވި ނަމޫނާ ބަލައިގަނެ ރައީސް މައުމޫންވެސް އެގޮތަށް ޢަމަލުކުރައްވަންވީ ވަގުތުކަމެވެ. ވެރިކަންކުރާ ޕާޓީގެ ރައީސްކަމުގެ ޝަރަފުވެރި މަޤާމުގައި ހުންނަވައި ސަރުކާރަށް އެއްބާރުލުންދެއްވައި، އަމިއްލަ ސިޔާސީ އެޖެންޑާތައް އެކަހެރިކޮށް ޤައުމީ ވިސްނުމުގައި ތެދުވެވަޑައިގަންނަވަންވީ ވަގުތުކަމެވެ.