ޚަބަރު

ސައިކަލް ޓެކްސީ ދުއްވަންޖެހޭނީ ހެލްމެޓް އަޅައިގެން


ސައިކަލް ޓެކްސީ ދުއްވަން ޖެހޭނީ، ހެލްމެޓާއި އެހެނިހެން ސަލާމަތީ ސާމާނު އަޅައިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

އެމިނިސްޓްރީން ގެޒެޓް ކޮށްފައިވާ ސައިކަލް ޓެކްސީގެ ގަވާއިދުގައިވާ ގޮތުން ހެލްމެޓް އެޅުމުގެ އިތުރަށް، ޓެކްސީ ސެންޓަރު މެދުވެރިނުކޮށް ދަތުރުކޮށްދޭ ޑްރައިވަރެއް ނަމަ ޚިދުމަތްދޭ ވަގުތުތަކުގައި ޚާއްސަ ވެސްޓެއް ލާންޖެހެއެވެ. ސައިކަލް ޓެކްސީ ޤަވާއިދު ގެޒެޓް ކުރެއްވުމާއެކު ސައިކަލް ޓެކްސީގެ ޚިދުމަތް ފެށުމަށް ހޮވާފައިވާ ދެ ކުންފުނިން ކުރިއަށް އޮތް ދެ ހަފުތާތެރޭގައި އެޚިދުމަތް ދޭން ފަށަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ހޮއްވަވާފައިވަނީ އަމިއްލަ ދެކުންފުނި ކަމަށްވާ ރައިޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވީލް އެމްވީ ޕްރައިވެޓް ލިމިޓެޑެވެ.

ސައިކަލް ޓެކްސީގެ ގަވާއިދުގައިވާ ގޮތުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ނަމުގައި ޚިދުމަތް ދޭން މަދުވެގެން 20 ސައިކަލް ގެންގުޅެން ޖެހެއެވެ. އަދި ސައިކަލް ޓެކްސީގެ އުޅަނދުގެ ސީޓަކީ، ދުއްވާފަރާތާއި ފަސިންޖަރާ ދެމީހުން ހަމަޖެހިގެން އިށީނދެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ސީޓެއްކަމުގައިވާން ޖެހެއެވެ.

img:http://s4.psmnews.mv/images/660x400/14742128109911.jpg|ކެންޔާގައި ސައިކަލް ޓެކްސީގެ ޚިދުމަތްދޭ ބައެއް- ރާއްޖޭގައިވެސް މި ޚިދުމަތްދޭ މީހުން ތިބޭނީ ވަކި ޖެކެޓެއް ލާފައި ވަކިން އެނގޭނެގޮތަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވޭ- ފައިލް ފޮޓޯ: ޒިންހުއާ

ޓެކްސީ ސެންޓަރުން ލައިސަންސަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރާނެ ކަމަށާއި ޓެކްސީ ސެންޓަރަކަށް ލައިސަންސް ދޫކުރާނީ 5 އަހަރުދުވަހުގެ މުއްދަތަކަށް ކަމަށް ސައިކަލް ޓެކްސީގެ ގަވާއިދުގައިވެއެވެ. އަދި ޓެކްސީގެ ޚިދުމަތް ދޭންވާނީ މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓެކްސީ ސެންޓަރަކާ ގުޅިގެން، އަދި އެއްވެސް ދަތުރަކާ ހަވާލުވާންވާނީ ޓެކްސީސެންޓަރަށް އެންގުމަށްފަހުގައި ކަމަށްވެސް ޤަވާއިދުގައި ބަޔާންކުރައްވާފައިވެއެވެ.

ލައިސެންސް ދޫކޮށްފައިވާ ފަރާތުން 24 ގަޑިއިރު ޚިދުމަތް ދޭން ޖެހުމުގެ އިތުރަށް ޓެކްސީ ސެންޓަރުގެ ބެލުމުގެ ދަށުން ޚިދުމަތަށް ނެރޭ 20 ސައިކަލު ޚިދުމަތުގައި އަބަދުވެސް އޮންނަން ޖެހޭނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ކޮންމެ ތަނެއްގައިވެސް ސައިކަލް ޓެކްސީގައި ކޮށްދޭ ދަތުރަކަށް ނެގޭނީ އެންމެ ގިނަވެގެންދިހަ ރުފިޔާ ކަމަށާއި، އެއަށްވުރެ ދަށް އަގެއްގައި ދަތުރު ކޮށްދިނުމުގެ އިޚުތިޔާރުވެސް ޓެކްސީ ސެންޓަރަށް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސައިކަލަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ، އެއްގަމު ދަތުރުފަތުރުގެ ވަޞީލަތަށްވުމާއި، މާލެއަކީ މަގުތަކުގެ ޖާގައިގެ ދަތިކަން އޮތް ކާރުބާރުބޮޑު ތަނަކަށްވާތީ މިޚިދުމަތަކީ މިހާރު ހުރި ސައިކަލުތަކުގެ ބޭނުން ހިފަން ލިބޭ ފުރުޞަތެއްގޮތުގައި އިކޮނޮމިކް މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ.