މޯލްޑިވްސް ޕްރިމިއަ ބޭންކް، އެމްޕީބީގެ ފުރަތަމަ ބްރާންޗް ހުޅުވާދެއްވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ބުރާންޗް ހުޅުވާދެއްވުމަށް ފަހު ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، މިފަދަ ތަސައްވަރެއް ހަގީގަތަކަށް ހެދުމަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. ގަވަރުނަރު ވިދާޅުވީ، އެ ބޭންކުން މަސައްކަތްކުރަންވާނީ އެންމެ މަޤްބޫލް، އެންމެ ފެންވަރު ރަނގަޅު ބޭންކަށްވުމަށްކަމަށެވެ. އެމްޕީބީއަކީ ގަވަރނަރ އިފްތިތާޚުކޮށްދެއްވި ފުރަތަމަ ބޭންކަށްވުމަކީ ލިބިވަޑައިގަތް ފޚުރެއްކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. އުއްމީދަކީ މިއަދުން ފެށިގެން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، މި ބޭންކަކީ ވަރަށް ބޮޑު ބޭންކެއްގެ ގޮތުގައި ފެނިގެންދިއުންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"ކަންކަމާ މެދު ހުވަފެން ދެކެވިދާނެ. ނަމަވެސް ހަމައެކަނި ހުވަފެނެއް ދުށުމަކުން އެކަމެއް ހާސިލެއް ނުވާނެ. އެކަން ހާސިލުވާނީ އެކަމަށް އަމަލީ ގޮތުން މަސައްކަތް ފެށުމުން." ގަވަރނަރ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ މިއަދު ބޭންކު އިފްތިތާޙުކުރެވުނުނަމަވެސް އެއީ ވަރަށް ކުޑަ ފިޔަވަޅެއްކަމަށެވެ. ގަވަރުނަރު ވިދާޅުވީ އެ ބޭންކުގައި ވަރަށް ތަޖުރިބާކާރު މަސައްކަތަށް ކެރޭ މުވައްޒަފުން ތިބިކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވޭނެ ކަމަށް ޤަބޫލުކުރައްވާކަމަށް ގަވަރނަރ ވިދާޅުވިއެވެ.
"ޕްރިމިއާ އޭ ބުނުމުން އަޅުގަނޑަށް އަބަދުވެސް ސިފަވަނީ ޕްރިމިއާ ލީން. އެހެންކަމުން، "ޕްރިމިއާ" ގެ ނަމުގައި ތިޔަ ބޭފުޅުން ގެންގުޅުއްވާ ތަސައްވަރަކީ އެ ފެންވަރުގެ ތަސައްވަރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން." ގަވަރނަރ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީބީގެ ޗެއަރޕަރސަން އައިޝާ ނޫރްޢައިން ޖަނާހު ވިދާޅުވީ އެ ބޭންކްގެ ލައިސަންސްގެ ޕްރީ-އެޕްރޫވަލް މަރުހަލާގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު ކަމާއިގުޅުންހުރި ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ އާ ފެށުމެއްކަމަށެވެ.
"އަޅުގަނޑުމެންގެ ތަސައްވުރަކީ، ހަމައެކަނި އަމިއްލަ މިނިވަން މާލީ އިދާރާއެއްގެ ގޮތުގައި ނުވަތަ 'ޓިއަރ ވަން' ލައިސަންސް އޮތް ބޭންކެއްގެ ގޮތުގައި އޮތުމެއް ނޫން. އެކަމާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާ ހާލު، އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ މާލީ ދާއިރާގެ މުހިންމު ބައިވެރިއެއް ކަމަށް." އެމްޕީބީގެ ޗެއަރޕަރސަން އައިޝާ ނޫރްޢައިން ޖަނާހު ވިދާޅުވިއެވެ.
އެމްޕީބީއަކީ ރާއްޖޭގެ ނުވަ ވަނަ ކޮމަރޝަލް ބޭންކެވެ. މިއަދު ހުޅުވި އެމްޕީބީގެ އޮފީސް ހުންނަނީ ބޮޑުތަކުރުފާނު މަގު ހ. ސަންލީތުގައެވެ.
އެމްޕީބީގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނަ ކަނބަލުން ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި ޗެއާޕާސަން އައިޝާ ނުރައިން ޖަނާހް، ޗީފް އެގްޒެކިއުޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ނުރްހައިރާ އާރާ ސަދާވާ، އިންޑިޕެންޑެންޓް ޑިރެކްޓަރ ޝާހިދާ މުހައްމަދު، އިންޑިޕެންޑެންޓް ޑިރެކްޓަރ ރަހީމާ ސަލީމް އަދި ނޮންއެގްޒެކިއުޓިވް ޑިރެކްޓަރ ސުޖާތާ ހަލީން ހިމެނިވަޑައިގަންނަވައެވެ.
އެ ބޭންކަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދީފައި ވަނީ މި އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. އެ ބޭންކުގެ ޚިދުމަތްތައް އާއްމު ފަރުދުންނާއި، ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް ވަނީ ޚާއްސަކުރެވިފައެވެ.
އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން އެ ބޭންކަށް ހުއްދަ ދީފައިވަނީ 'ޓިއަރ 1' ބޭންކެއް ޤާއިމުކުރުމަށެވެ. މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނެސް އެކުންފުންޏަށްރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމްއެމްއޭއިން ދޫކުރީ މޭ 18ވަނަ ދުވަހުއެވެ.
އެމްއެމްއޭއިން ވިދާޅުވީ އެ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވާނެކަމެއްކަމަށެވެ. އެގޮތުން ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބުމަށް އޭގެ ސަބަބުން މަގުފަހިވާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.