ވިޔަފާރި

"މުސްތަފާ" ގާޑިޔާ - ދެވަނައެއް ނެތްފަދަ މަޝްހޫރު ބްރޭންޑެއް!


ވިޔަފާރި އުޞޫލުން ހިންގަމުން އަންނަ ގާޑިޔާތަކަކީ ރަސްމީ ނަން ބޯޑެއް ނުޖެހިނަމަވެސް، އެތަންތަނުގެ ނަން ބުނެފިނަމަ ގިނަ ބަޔަކަށް އެއީ ކޮން ގާޑިޔާއެއްކަން އެނގޭ ތަންތަނެވެ. ފުވައްމުލައް ސިޓީގައި ނަމަ "މުސްތަފާ" ގާޑިޔާއަކީ، އެންމެ މަޝްހޫރު ގާޑިޔާއެވެ.

މުސްތަފާ ގާޑިޔާ ނިސްބަތްވަނީ މިގާޑިޔަލުގެ ވެރިފަރާތް ކަމުގައިވާ ޢަލީ މުސްތަފާއަށެވެ. އޭނާއަކީ ގާޑިޔާ ވިޔަފާރިއާއެކު، ދަނޑު ހެއްދުމުގައިވެސް ފާހަގަކޮށްލެވޭ ހަރަކާތްތެރި މީހެކެވެ.

ފުވައްމުލަކުގައި ހިންގަމުން އަންނަ ދެ ގާޑިޔާގެ ތެރެއިން، އެންމެ ގިނަ ބަޔަކު ޚިދުމަތްހޯދާ ގާޑިޔާއަށް "މުސްތަފާ ގާޑިޔާ" ވެފައިވަނީ އެ ސިޓީގެ މައި މަގުކަމުގައިވާ ނައިބު ތުއްތު މަގުގައި މިތަން ހުރުމާއި، ހިތްގައިމު ސަރަޙައްދެއްގައި ގާޑިޔާ ބެހެއްޓިފައި ހުރުމެވެ. މުސްތަފާ ކިޔައިދިން ގޮތުގައި ގާޑިޔާ ވިޔަފާރީގެ ތެރެއަށް އޭނާއަށް ވަދެވުނީ މީގެ ދެ އަހަރު ކުރިންނެވެ.

ކުރިންވެސް ފާހަގަކޮށްލި ގޮތަށް މުސްތަފާއަކި ދަނޑުވެރިކަންވެސް ކުރާ ފަރާތެކެވެ. ގާޑިޔާއިން ފެންނަން ހުރި ބައެއް ބާވަތުގެ ތަރުކާރީއަކީ އޭނާގެ ދަނޑުގައި ހައްދާ ތަރުކާރީއެވެ. އެކްސްޕޯޓްކުރާ އެއްވެސް ބާވަތެއް ހިމަނައިގެން ގާޑިޔާ ހިންގަން މުސްތަފާ ބޭނުމެއް ނުވެއެވެ. ގާޑިޔާއިން ހެދިކާގެ ބާވަތްތައްވެސް ލިބެން ހުރެއެވެ. އެ ތަކެއްޗަކީވެސް ފުވައްމުލަކުގެ އުފެއްދުންތަކެވެ.