ތަރިކައާއި ތާރީޚަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ އަމާނާތެއްކަމަށާއި، މިއިން ކޮންމެ ކަމަކަށް ވެވޭ އިހުމާލަކީ ޤައުމުގެ ތާރީޚާއި ސަޤާފީ ތަރިކައަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަކަށް ވާނެކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް މަސައްކަތަކީ ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަސައްކަތްކަމަށެވެ. ޤައުމިއްޔަތުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް، އަންނަން އޮތް ޖީލާ ހަމައަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
ވަޒީރު ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހަށް ތައްޔާރުވުމަށް ބާރަށުގައި މުހިންމު މަސައްކަތްތަކެއް ކުރެވި، މި ކަމުގައި ރައްޔިތުންގެ ޝަޢުޤާ ފޯރި ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވީ ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް. ބަހަށް އިސްކަންދިނުމަށް، ތަރިކައާއި ސަޤާފަތް ދިރުވުމުގެ ދާއިރާއާއި ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަށް އިސްކަންދިނުމަށް. ބާރަށާއި ބޮޑުތިލަދުންމަތީގެ މި 3 ރަށް ހިމެނޭހެން ކުރިއަށްގެންދާ މަޝްރޫޢުތަކުން ޤައުމީ ދުވަހުގެ ޙާދިސާތަކުގެ ހަނދާންތައް ދިރުވާ އާލާކުރެވޭނެ. މިއީ ޒަމާންވީ ތަރިކައަށް ރައްކާތެރިކަން ލިބިގެންދާ މަސައްކަތްތަކެއް." ހީނާ ވަލީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރަށަށް ޒިޔާރާތްކުރާ މީހުން އިތުރުވެ، އާމްދަނީ ހޯދުމަށްވެސް ލިބޭ މުހިންމު ފުރުޞަތަކަށް ވާނެކަމަށެވެ. މިއީ މާދަމާގެ ޖީލަށް ފޯރުކޮށްދޭ އަމާނާތެއްކަމަށާއި، މިއިން ކޮންމެ ކަމަކަށް ވެވޭ އިހުމާލަކީ ޤައުމުގެ ތާރީޚާއި ސަޤާފީ ތަރިކައަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.
މިކަން ކާމިޔާބުކަމާއެކު ހާސިލުވާނީ އެންމެން އެއް މިސްރާބަކަށް ގޮސްގެންކަން ފާހަގަކުރައްވައި ވަޒީރު ހީނާ ވަނީ ޤައުމީ އަމާނާތްތައް ރައްކާތެރިކޮށް ޤައުމީ ޝަހުސިއްޔަތު ރައްކާތެރިކޮށް އެކަންކަމުގެ މައްޗަށް ޤައުމު އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ބޮޑުވަމުން އަންނަ ޖީލުގެ ކުދިންގެ ހިތްތަކުގައި ޤައުމިއްޔަތާއި ތާރީޚީ ވާހަކަތަކުގެ ހޭލުންތެރިކަން އިތުރުކޮށް، ޤައުމިއްޔަތުގެ ލޯބި އުފެއްދުމަށް އެންމެން އެއް ރޫހެއްގައި މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.