ވިޔަފާރި

ފާދިއްޕޮޅުގެ ވިޔަފާރިތައް ކުރިއެރުވުމަށް މަޝްވަރާކޮށްފި


ފާދިއްޕޮޅުގައި ކުދި ވިޔަފާރިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކުރެވެންހުރި ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ޕާޓްނަރިންގ ފޮރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފާދިއްޕޮޅު ނައިފަރުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުވުމުގައި، 70 ފަރާތަކުން ބައިވެރިވިއެވެ.

ޕާޓްނަރިންގް ފޮރ ޑިވެލޮޕްމަންޓްގެ ނަމުގައި ބޭއްވެވި ފުރަތަމަ ފޯރަމް ފާދިއްޕޮޅު ނައިފަރުގައި ކުރިއަށް ގެންދަވާފައިވާއިރު، މިފަދަ އިތުރު ފޯރަމްތައް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ކުރިއަށް ގެންދެވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. 70 ބައިވެރިންނާއެކު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާފައިވާ މި ފޯރަމަކީ ޔޫއެންޑީޕީއާއި ސަރުކާރުގެ މިނިސްޓްރީތައް ގުޅިވަޑައިގެން ކުދި ވިޔަފާރިއާއި، މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ފަށްޓަވާފައިވާ، ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓު ޕްރޮގްރާމްގެ ދަށުން ބޭއްވެވި ފޯރަމެކެވެ.

ޕާޓްނަރިންގ ފޯރ ޑިވެލޮޕްމަންޓްގެ މައިގަނޑު މަޤްޞަދަކީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރގައި ޙަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތައް އެއް މޭޒެއްގައި މަޝްވަރާކުރުމުގެ މަގު ފަހިކޮށްދިނުމާއިއެކު، ވިޔަފާރީގެ ދާއިރާގައި ހުރި ދަތިތައް އަދި ފުރުޞަތުތައް ހުށައަޅައި މިކަންތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމެވެ.

ނައިފަރު ވިލާ ކޮލެޖް ކެމްޕަސްގައި ކުރިއަށް ގެންދެވި މި ފޯރަމްގައި ފާދިއްޕޮޅުގެ ރިސޯޓުތަކުން ބައިވެރިވެފައިވެއެވެ. އަދި އެ ފަރާތްތަކުން އެ އަތޮޅުގެ ކުދި ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.

ރިސޯޓުތަކުން ބައިވެރިވި ފަރާތްތަށް ބުނީ މި ފޯރަމްގެ ސަބަބުން އެ އަތޮޅުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތުތައް ލިބިފައިވާ ކަމަށެވެ.

މި ފޯރަމްގައި ފާދިއްޕޮޅަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ. މި ފޯރަމާއިމެދު އެ ފަރާތްތަކުން ފާޅުކޮށްފައިވަނީ ވަރަށް އުންމީދީ ޚިޔާލުތަކެކެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކުރައްވާ މި ފޯރަމްގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ފާދިއްޕޮޅުގައި ޙަރަކާތްތެރިވާ ރިސޯޓުތަކާއި، ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ކުދި ވިޔަފާރި އާ މެދުފަންތީގެ ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ.