ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަދުވެގެން 100ވަރަކަށް ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްގީކޮށް ނިމެނޭކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި، "ރާއްޖޭގެ އުމްރާނީ ތަރައްޤީ" އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ނުހަނު އިސްކަންދެއްވާ ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ބައެއް ކައުންސިލްތައް ހުރީ ވަރަށް ނިކަމެތި ޙާލަތުގައި ކަމަށެވެ. ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށާއި، އިންސާނުން ބޭނުންކުރަން ކަމުނުދާ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ރަށްތަކުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ޤާއިމްކުރުމުގެ މަޝްރޫޢުއެއް ފަށާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިމަސައްކަތްތަކުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތްތައް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވުނީމަ ރައްޔިތުންނަށް ޚިދުމަތްދެވޭނީ. އެއް ޕްރޮޖެކްޓަކަށް 55 ރަށުގެ ޕްރޮޖެކްޓް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަންނަ އަހަރު މެދުތެރޭ އެ 55 ރަށުގެ ކައުންސިލް އިދާރާ ނިމޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް ޗައިނާ ސަރުކާރުން ހިލޭ އެހީ ލިބިފައިވާ ކަމަށާއި، އެ މަޝްރޫޢުތައް ފަށަން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން ފަށާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ތަރައްޤީ ކުރާ އައު ކައުންސިލް އިމާރާތްތަކަކީ، 40 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައާއި، ރައްޔިތުންނާއި ބައްދަލުކުރުމަށް ޚާއްސަކުރާ ހޯލަކާއިއެކު އިމާރާތް ކުރާ ތަންތަނެވެ. އަދި ޑަބްލިއުޑީސީއަށް ޚާއްސަކޮށްފައިވާ ތަނަކާއި، ޕާސްޕޯޓާއި އައިޑީ ކާޑު ހައްދާނެ ތަނެއް މި އިމާރާތްތަކުގައި ޤާއިމްކުރުމަށް ހަަޖެހިފައިވެއެވެ.